އިންތިހާބުގައި ވޯޓު ދޭންވާނީ ވައުދުވެ އެކަން ފުއްދާ ވަރުގެ ބަޔަކަށް ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ރޭ ރ. ދުވާފަރުގައި ގިނަ އަދަދެއްގެ ބަޔަކާއެކު ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާތަނަށް ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދިފައިވާކަމަށާއި އަދި ބައެއް ވައުދުތައް މިހާރުވެސް ފުއްދަވައިދެއްވަމުންދާކަމަށެވެ. ރައީސް ވިދާޅުވީ އިންތިހާބުގައި ވޯޓު ދޭންވާނީ ވައުދުވެ އެކަން ފުއްދާ ވަރުގެ ބަޔަކަށް ކަމުގައެވެ.

މިހާތަނަށް ދިވެހި ތަޖުރިބާކުރި އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި ފަސާދައިގެ ތެރެއަށް އަލުން ދާން ބޭނުންވާނެ ރައްޔިތަކު ނުހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ރައްޔިތުން ބޭނުންވަނީ ތަރައްޤީއާއި ކުރިއެރުން ކަމަށާއި، އެކަން މިސަރުކާރުން މިހާތަނަށްވެސް ވާނީ ކަށަވަރު ކޮށްދީފައިކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ކެމްޕޭންގައި މިހާތަނަށް 100 އަށްވުރެ ގިނަ ރަށްތަކަށް ދެވިފައިވާ ކަމަށާއި ވަޑައިގެންނެވި އަތޮޅުތަކުން ފެނިގެންދިޔައީ ބޮޑު ސަޕޯޓެއް އޮތްތަން ކަމުގައެވެ. ކެމްޕޭނަށް މިހާތަނަށް ވަޑައިގެންނެވި އަތޮޅުތަކުން ފެނިގެންދިޔަ މަންޒަރަކީ މިއިންތިހާބު ސާފު އަގުލަބިއްޔަތަކުން ކާމިޔާބުވާތަން ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެެވެ.

ހއ. ހދ. ށ. ނ. އަދި ގއ.ގދ އަތޮޅުން ބޮޑު އައުލަބިއްޔަތަކުން މިއިންތިހާބު ކާމިޔާބު ކުރެއްވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިއިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން. މިކަން މިއޮތީ ނިމިފަ. ކިހިނެތްތޯ ދުވާފަރުގެ ރައްޔިތުން ތިބީ. އެއްބުރުން އެހެން ނޫންތޯ،" ވަރަށް ޖޯޝުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިޖަލްސާގައި ރ. އަތޮޅުގެ ރަށްތަކުން މިފަހަރުު ސާފު މެޖޯރިޓީ ދެއްވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ.