ޖާސޫސީ ސެޓެލައިޓެއް އޯބިޓަށް ފޮނުވާލުމަށް އުތުރު ކޮރެއާއިން ދެވަނަ ފަހަރަށް ކުރި މަސައްކަތްވެސް ނާކާމިޔާބު ވެއްޖެ ކަމަށް އެގައުމުން މިއަދު ހެނދުނު އިއުތިރާފް ވެއްޖެއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިޔާ ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) ބުނީ ޗިލިމާ-1 ގެ ނަން ދީފައިވާ ރޮކެޓް މޫދަށް ވެއްޓުނީ ތިން ވަނަ މަރުހަލާގައި މައްސަލައެއް ދިމާވެގެން ކަމަށެވެ.

"ސެޓްލައިޓް ފެއިލްވީ ތިން ވަނަ މަރުހަލާގެ ރޮކެޓުގައި ކުއްލި ގޮތަކަށް ބްލާސްޓިން ސިސްޓަމްގައި ގޯހެއް ދިމާވުމުން" އުތުރު ކޮރެއާއިން މިކަމާ ގުޅިގެން އާންމު ކުރި ރިޕޯޓުގައި ބުނެފައިވެއެވެ.

އުތުރު ކޮރެއާއިން ޖާސޫސް ކުރުމަށް ސެޓްލައިޓެއް ޖައްވަށް ފޮނުވަން ފުރަތަމަ މަސައްކަތް ކުރީ މިދިޔަ މެއި މަހުއެވެ. ޖާސޫސީ ސެޓްލައިޓެއް ޖައްވަށް ފޮނުވުމަށް ކުރަމުން އަންނަ މަސައްކަތް ދެފަހަރަށް ނާކާމިޔާބު ވީނަމަވެސް މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އުތުރު ކޮރެއާއިން ބުނެއެވެ.

ކޭސީއެންއޭއިން ބުނީ ޖާސޫސީ ތިންވަނަ ސެޓްލައިޓެއް މިއަހަރުގެ އޮކްޓޫބަރު މަހު ޖައްވަން އުދުއްސާލަން މަސައްކަތް ކުރާނެ ކަމަށެވެ.

ސެޓްލައިޓުގެ ހަރަކާތްތައް ކައިރިން ބަލަމުންދިޔަ ޖަޕާނުގެ ޕާލަމަންޓްރީ ޑިފެންސް މިނިސްޓަރުގެ ނައިބް ކިމީ އޮނޯޑާ ވިދާޅުވީ ރީނދޫ ކަނޑާއި އިރުމަތީ ޗައިނާ ކަނޑާއި ޕެސިފިކް ކަނޑަށް ވެއްޓުމުގެ ކުރިން އެތައް ބަޔަކަށް ސެޓްލައިޓް އުދުއްސާލި ރޮކެޓް ފަޅައިގެން ދިޔަ ކަމަށެވެ.