ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އަންނަ ހުކުރު ދުވަހުން ފެށިގެން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓާސް ލިސްޓްގައި އީސީގެ އޮފިޝަލުން މިހާރު ގެންދަނީ ސޮއިކުރަމުން ކަމަށާއި މަސައްކަތް ނިންމާލުމަށްފަހު، ދެން ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް އޮގަސްޓު 25ން 27 އަށް ދަރުބާރުގޭގައި ކުރިއަށް ދާނެކަމަށެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ އަދި ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން 5 މަންދޫބަކަށް ސޮއި ކުރުމުގެ ފުރުޞަތު އޮތްކަން ކެންޑިޑޭޓުންނަށް މިހާރު ވަނީ އަންގާފައި ކަމަށެވެ. އަދި މި ލިސްޓަކީ ފައިނަލް ލިސްޓް ކަމަށްވާތީ، މި ލިސްޓަށް ޝަރުޢީ ކޯޓަކުން އަމުރު ކޮށްގެން ނޫންގޮތަކަށް ބަދަލެއް ނުގެނެވޭނެތީ، ޝަކުވާ އެއް އޮތްނަމަ އޮތީ ކޯޓު މަރުހަލާގެ ތެރެއިން ކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ސޮއިކުރުމަކީ މިހާރު ކޮންމެ އިންތިހާބެއް ކުރިން ވެސް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތެކެވެ. މިކަމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމަށްފަހު އެކުލަވާލި ގައިޑްލައިންގައި ހިމެނި ކަމެކެވެ.

އެ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު، ކޮންމެ އިންތިހާބެއްގައި ވެސް ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ސޮއި ކުރެއެވެ. އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ، އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމެވެ.

އަދި އަމިއްލަ ތިން ކެންޑިޑޭޓުން ކަމަށް އުމަރު ނަސީރާއި ފާރިސް މައުމޫން އަދި ހަސަން ޒަމީރު ވާދަކުރައްވަ އެވެ. އިންތިހާބަށް ދެ ހަފުތާއަށް ވެފައިވާއިރު ހުރިހާ ކެންޑިޑޭޓުން ވެސް ގެންދަނީ ކެމްޕެއިން ކުރައްވަމުންނެެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށް ލިބިފައިވެއެވެ. މިފަހަރުގެ އިންތިޚާބުގައި އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.