ށ. އަތޮޅުން ގިނަ އަދަދެއްގެ ޒުވާނުންނެއް ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ރޭ ށ. ފުނަދޫގައި ބޭއްވި ޖަލްސަގައި ށ. އަތޮޅުން ސޮއިކުރި 90 ޒުވާނަކު ވަނީ ފޯމުތައް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއާއި ހަވާލު ކޮށްފައެވެ. މީގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި މީގެ ކުރިން އުޅުނު ޒުވާނުންވެސް ހިމެނެއެވެ. އަދި އަލަށް 18 އަހަރު ފުރު ޒުވާނުންވެސް ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ.

އެގޮތުން ރޭ ސޮއިކުރި ޒުވާނުންގެ ތެރޭގައި ހިމެނެނީ ފޯކައިދޫއިން ސޮއިކުރި 40 ޒުވާނުންނާއި، މާއުނގޫދޫއިން ސޮއިކުރި 50 ޒުވާނުންނެވެ.

މީގެ އިތުރުން މިފޯމުތަކާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ޒުވާނުންނަކީ ޤައުމުގެ މުސްތަގުބަލު ކަމަށާއި، ޒުވާނުން ޕީޕީއެމްއާއި ގުޅެނީ އުންމީދެއް އޮތުމުންކަމަށެވެ.

އަދި ޒުވާނުންނަށް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށާއި، ދެން އަންނަ ޕީޕީއެމް، ޕީއެންސީގެ ވެރިކަމެއްގައި ޒުވާނުންނަށް ވަޒީފާއާއި އެނޫންވެސް ގިނަ ފުރުސަތު ތަކެއް ފަހި ކޮށްދެއްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.