މާލެ ސަރަހައްދުން ގޯތި ދިނުމަށް މި ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތީގެ ރަޖިސްޓްރީ މިއަދު ހަވާލުކުރައްވާނެ ކަމަށް ކުރިން ހާމަކުރައްވާފައިވީ ނަމަވެސް އިދާރީ ބައެއް ކަންތައްތައް ނުނިމޭތީ ރަޖިސްޓްރީ ހަވާލުކުރުން ކުރިއަށް ގެންދަވާނީ މިމަހުގެ 26ވާ ހޮނިހިރު ދުވަހު ކަމަށެވެ.

މި ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި 18،955 މީހުން ހިމެނެއެވެ. ހައުސިން މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ގޯތި ލިބޭ އެންމެންނަށް ގޯތީގެ ދާއިމީ ރަޖިސްޓްރީ 11 ނޮވެމްބަރުގެ ކުރިން ހަވާލުކޮށް ނިމޭނެއެވެ.

މީގެއިތުރުން މި ސަރަހައްދުން ގޯތި ދޫކުރާ ތިން ކެޓެގަރީގެ ގުރުލުން މިއަދު ނިންމާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 2450، 3250، އަދި 3650 އަކަފޫޓުގެ ގޯތި ލިބޭ ފަރާތްތަކުގެ ގުރުނެގުމެވެ. އެ ގުރުއަތުން ކުރިއަށް ދިޔައީ ގަލޮޅު ސްޓޭޑިއަމްގަ އެވެ. އަދި ހުރިހާ އެންމެންހެ ގުރު ނަގައި މިހާރު ވަނީ ނިންމާލައިފައެވެ.

ބިންވެރިޔާ ސްކީމްގެދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިން ދީފައިވެއެވެ.