ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ގެއްލުންވާ ކަމަށް ބުނެ ކެމްޕޭން ބެނާ އާއި ދިދަ ނުދެމުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

މާލޭގެ މަގުތަކުގައި އިންދާފައި ހުރި އެހެން ބާވަތްތަކުގެ ގަސްތަކުގައި ކެންޑިޑޭޓުންގެ ފޮއްޗާއި ބެނާ ދަމާފައިވާއިރު ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ގެއްލުންވާކަން ފާހަގަކޮށްފައިވަނީ ހަމައެކަނި ކަދުރު ރުއްތަކަށެވެ.

ހަމައެހެންމެ، ބައެއް ކެންޑިޑޭޓުންގެ ދިދަފަތި މަޖީދީ މަގުގައި ދެމުމަށް ޕޭވްމެންޓު މައްޗަށް ވަނީ ދަގަނޑު ހޮޅި ޖަހައިފައި ވިޔަސް އެވާހަކައެއް ސިޓީކައުންސިލުގެ އިއުލާނަކު ހިމަނާފައެއް ނުވެއެވެ.

"ބައެއް ޕާޓީތަކުން މިހާރުވެސް ބެނާތައް ކަދުރު ރުއްތަކުގައި ދަމާފައި ހުރުމުން މި ރުއްތަކަށް ދަނީ ގެއްލުން ލިބެމުންނެވެ." ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެއެވެ. އިއުލާނުގައި ބުނެފައިވަނީ ރުއްތަކަށް ވައު ޖަހައި ދަމަމުން ގެންދާތީ ރުއްތަކަށް ގެއްލުން ލިބެމުންދާކަމަށެވެ.

އެހެންކަމުން، ކެމްޕެއިންގެ އެއްވެސް ބެނަރ އެއް ނުވަތަ ދިދަ ފައްޗެއް ކަމުގައި ވީނަމަވެެސް ކަދުރު ރުއްތަކުގައި ހަރު ނުކުރަށް ސިޓީކައުންސިލުން ނެރުނުއެ އިއުލާންގައި ވަނީ އަންގާފައެވެ. އަދި ކެމްޕޭން ބެނަރ އަދި ދިދަ ދެމުމަށް، އޮންނަ އުސޫލުގެ ތެރެއިން އެކަމަށް ނަގަން ޖެހޭ ހުއްދަ ނަގައިގެން ހުއްދަދެވިފައިވާ ގޮތަށް، ހޮޅިދަނޑިތަކުގައި ބެނަރތަކާއި ދިދަފަތިތައް ދެމުމަށްވެސް ސިޓީ ކައުންސިލުން ވަނީ އަންގައި އިއުލާންކޮށްފައެވެ.

ކަދުރު ރުއްތަކުގައި އެންމެ ފުރަތަމަ ބެނާ ދެމީ އެމްޑީޕީންނެވެ. ނަމަވެސް މިހާރު އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީންވެސް އެޕާޓީތަކުގެ ބެނާ ރުއްތަކުގައި ހަރުކޮށް އަދި ބެނަރތައް ދެރުއް ދެމެދު ވަނީ ދަމާފައެވެ. ޕީޕީއެމްގެ ބެނަރައެއް މީގެ ތެރޭ ފެންނާކަށް ނެތެވެ.