މަޝްހޫރު ނޭމާ ކުޅެމުން އަންނަ ސައުދީގެ އަލް ހިލާލް އާއި އިންޑިޔާގެ މުމްބާއީ ސިޓީ އެފްސީ، އޭއެފްސީ ޗެމްޕިއަންސް ލީގުގައި އެގްރޫޕެއްގައި ވާދަ ކުރަން ޖެހިއްޖެއެވެ.

އަލް ހިލާލް އާއި މުމްބާއީ ސިޓީ ހިމެނެނީ ގްރޫޕް "ޑީ" ގައެވެ. މިގްރޫޕުގައި ދެން ހިމެނެނީ އިރާނުގެ ނައްސާޖީ އާއި އުޒްބެކިސްތާނުގެ ނަވްބަހޯރެވެ. މެޗުތައް ކުޅޭނެ ތާރިހްތައް އޭއެފްސީއިން އަދި ތާވަލް ކޮށްފައެއް ނުވެއެވެ.

މުމްބާއީ ސިޓީއަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސް ސިޓީ ހިންގަމުން އަންނަ ޔޫއޭއީގެ އަބޫދާބީ ގްރޫޕުގެ %65 ހިއްސާ އޮންނަ ކްލަބަކެވެ. މީގެ އިތުރުން މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރަކީވެސް މުމްބާއީ ސިޓީގެ ހިއްސާދާރެކެވެ.

ޕީއެސްޖީ ދޫކޮށް އަހަރަކު 50 މިލިޔަން ޑޮލަރުގެ މުސާރައަކަށް ހިލާލްއަށް މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ބަދަލުވި ނޭމާ ވެގެންދާނީ ޕެލޭއަށްފަހު އިންޑިޔާ ފަސްގަނޑުގައި ކުޅޭ ބްރެޒިލްގެ އެންމެ މަޝްްހޫރު ކުޅުންތެރިޔާއަށެވެ. އަދި މިފަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގް ވެގެންދާނީ ދުނިޔޭގެ މަތީ ފަންތީގެ ތަރިން އެންމެ ގިނައިން މިހާތަނަށް ފެންނާނެ ފަހަރު ކަމުގައެވެ.

އިންޑިޔާގެ މީޑިޔާތަކުން ސިފަ ކުރާ ގޮތުގައި މުމްބާއީ ސިޓީއިން ނޭމާގެ ހިލާލްއާ ދެކޮޅަށް އިންޑިޔާގައި ކުޅޭ މެޗް ވެގެންދާނީ މަޝްހޫރު ފިލްމީ ތަރިންނާއި މަޝްހޫރު އެތައް ވިޔަފާރިވެރިން ދިރިއުޅޭ މުމްބާއީއަށް އަންނާނެ އީދަކަށެވެ.

ނޭމާގެ އިތުރުން މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރީމް ބެންޒީމާ، ސާޑިއޯ މާނޭ، ރިޔާދް މަހްރޭޒް އަދި އެންގްލޯ ކަންޓޭވެސް މިފަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުން ފެންނާނެއެވެ.