ނ. މާފަރުގެ އެމްޑީޕީ ކައުންސިލަރު އަތޫފް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރިތާ 48 ގަޑިރު ނުވަނީ އޭނާ އެމްޑީޕީއާއިއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭއަށް ސޮއިކޮށްފިއެވެ.

އިއްޔެ މާފަރަށް ޤާސިމް ވަޑައިގެންނެވުމުން އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އަތޫފްވަނީ ޖޭޕީއަށް ސޮއިކޮށްފައެވެ. އޭނާއާއިއެކު އިތުރު 7 މީހަކުވެސް ރޭވަނީ ސޮއިކޮށްފައެވެ.

ނަމަވެސް އަތޫފް ސޮއިކުރިތާ 48 ގަޑިއިރު ނުވަނީސް އޭނާ ވަނީ ނިންމުން ބަދަލުކޮށް އެމްޑީޕީއާއިއެކު ކޯލިޝަންގައި އޮތް އެމްޑީއޭއަށް ސޮއިކޮށްފައެވެ.

އޭނާ ސޮއިކޮށް ފޯމު ހަވާލުކުރީ ވެލިދޫ އައްބަސް އާއިއެވެ.

މީގެ އިތުރުން މިރޭ މާލޭގައި ބޭއްވި ރަސްމިއްޔާތުގައި އަތޫފްއާއިއެކު ބައެއް ޒުވާނުންވެސް ވަނީ އެމްޑީއޭއަށް ސޮއިކޮށްފައެވެ. މައުލޫމާތު ލިބިފަިއވާ ގޮތުގައި މި ޒުވާނުންނަކީ ޖޭޕީއަށް ވެސް ސޮއިކުރި ޒުވާނުންނެވެ.

ނ.އަތޮޅަކީ އެމްޑީެއޭގެ ތާއީދު ބޮޑު އަތޮޅެކެވެ. ރިޔާސީ އިންތިހާބާއި ދިމާކޮށް ކައުންސިލަތަކުގެ ބައެއް ކައުންސިލަރުންނާއި އާންމު ބައެއް ބޭފުޅުން ޕާޓީ ބަދަލު ކުރުމަކީ ޢާންމު ކަމަށްވަނީ ވެފައެވެ.

ނ.އަތޮޅުގެ އިތުރުން އުތުރުގެ ބައެއް އަތޮޅުތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވާ މިރޭ ޤާސިމް ވަނީ މާލެ ވަޑައިގެންފައެވެ.