ބައިނަލްއަގުވާމީ ބާޒާރުގައި ހަރަކާތްތެރިވާ އޮންލައިން ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާޗަންޓް ކަރަންސީގެ ގޮތުގައި ޑޮލަރު ދެއްކޭނެ ގޮތް ހަމަޖެއްސުމަށް އެމްޑީޕީގެ މެނިފެސްޓޯ "އިގުތިސާދީ ބޮޑު ބަދަލު" ސިޔާސަތު ގައި ހިމަނައިފިއެވެ.
ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ހަރަކާތުގައި އިފްތިތާހު ކުރި އެމްޑީޕީގެ މެނިފެސްޓޯގެ އެންމެ ފަހުނ ސިޔާސަތު "އިގުތިސާދީ ބޮޑު ބަދަލު"ގެ ދަށުން ހިމަނާފައިވާ ބައިތަކުގެ ތެރޭގައި
- އެސްއެމްއީ ހަބް ފަދަ ވިޔަފާރި ހިންގާނެ އިތުރު އަދި ބޮޑެތި ޖާގަތައް ގާއިމުކޮށް، ކުޑަ އަގުގައި ވިޔަފާރިތަކަށް ދޫކުރުން
- ބައިނަލްއަގުވާމީ ބާޒާރުގައި ހަރަކާތްތެރިވާ އޮންލައިން ވިޔަފާރިތަކަށް ބީއެމްއެލްގެ މާޗަންޓް ކަރަންސީގެ ގޮތުގައި ޔޫއެސް ޑޮލަރު ދެއްކޭނެ ގޮތް ހަމަޖެއްސުން
އެންމެ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި
- ރަހުނު އަދި އިކުއިޓީއާ ނުލައި ފައިނޭންސިން ފޯރުކޯށްދިނުން މިހާރަށްވުރެ ފުޅާކުރުން
- އިތުރު ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މައިކްރޯފައިނޭންސިން ސްކީމުތައް ތައާރަފުުރުން
މި ސްކީމުތަކުގެ ދަށުން ގޭގައި މަސައްކަތްކުރާ އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
އަމިއްލަ އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށް މިހާރު ހިންގާ ހިލޭ އެހީގެ ޕްރޮގްރާމުތައް (ގްރާންޓް ޕްރޮގްރާމްތައް) ފުޅާކޮށް، އެ ފަރާތްތައް މޮނިޓާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް، ބިޒްނަސް އިންކިއުބޭޝަން/އެކްސެލެރޭޓާ ޕްރޮގްރާމުތައް އިތުރުކޮށް އިދާރީ، އީޖާދީ، ފަންނީ، އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.