ޗައިނާއިން އިންތިހާއަށް ބާރު ދުވެލީގެ އައު ރޭލެއް ތައާރަފް ކޮށްފިއެވެ. ޗައިނާގެ އައު ރޭލަކީ ގަދަ ފިނީގައި ދުއްވުމަށް ޚާއްސަ ކޮށްފައިވާ ރޭލެކެވެ. މި ރޭލުގެ ފުރަތަމަ ތަޖުރިބާ ދަތުރު އޮންނާނީ ބެއިޖިންގ އިން ހާރބިން އަށެވެ. ހަރބިންއަކީ ޗައިނާއާއި ރަޝިއާގެ ސަރަހައްދާ ކައިރީގައި އޮންނަ ޗައިނާގެ އެންމެ ފިނި ގަދަ ސިޓީއެވެ.
މި ރޭލުން މައިނަސް 40 ޑިގްރީ ގައިވެސް އޮމާން ދުވެލީގައި ހަރަކާތްތެރިވާނެ އެވެ. މިފަދަ ފިނީގައި ރޭލުގެ ބްރޭކް ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މި ރޭލުގައި ޚާއްސަ ވައްތަރުގެ އެލޯއި ބްރޭކް ސިސްޓަމެއް ހަރުކޮށްފައި ވެއެވެ. އަދި ފިންޏާއި ފެން ރޭލުގެ ގެގަނޑުގެ ތެރެއަށް ނުވަންނަ ގޮތަށް ޚާއްސަ ވައްތަރެއްގެ ސީލަރަކާއި ސިލިކޮންއެއް ބޭނުން ކޮށްފައި ވެއެވެ. އަދި ގަނޑު ވެދާނެފަދަ ރެއިލިންގ ތައް ވެސް ހަދާފައިވަނީ ޚާއްސަ ސްޓެއިންލެސް ސްޓީލް ދަނގަޑުންނެވެ. އަދި މީގެ އެތެރޭގައި ހޮޅިން ގަނޑު ކަނޑުވާލާ ޚާއްސަ ޓެކްނޮލޮޖީއެއްވެސް ހިމަނާފައި ވެއެވެ.
މި ރޭލުގެ ދުވެލި އުޅޭނީ، ގަޑިއަކު 350 ކިލޯމީޓަރު (ގަޑިއަކު 217 މޭލު) ގައެވެ. މި ރޭލު ޚިދުމަތަށް ނެރޭނެ ދުވަހެއް އަދި ނޭގެއެވެ.
ޗައިނާއަކީ ދުނިޔޭގައި އެންމެ ބޮޑު ހައިސްޕީޑް ރޭލް ވިއުގަ އޮންނަ ގައުމެވެ.
ޖަޕާނުންވެސް ވަނީ ޚާއްސަ ރޭލް އުފައްދައި ޚިދުމަތަށް ނެރެފައެވެ. ޖަޕާނުން 2020ގައި ޚިދުމަތަށް ނެރެފައިވާ ބުލެޓް ރޭލަކީ، ބިންހެލުން ފަދަ ކާރިސާތަކުގައިވެސް އަސަރަކާ ނުލައި އޮމާންކަމާއެކު ދުވެލީގައި ދާނެ ފަދަ ރޭލެކެވެ. ކާރިސާއެއްގައި ބޭނުންކުރުމަށް ޚާއްސަ ބްރޭކް ސިސްޓަމެއް ހަރުކޮށްފައިވާ މި ރޭލު ގަޑިއަކު 360 ކިލޯމީޓަރަށް (ގަޑިއަކު 285 ކިލޯމީޓަރަށް) ދުވާނެ އެވެ. އަދި ކުއްލި ހާލަތުގައި ދުނިޔޭގައި ބެޓެރިން އޮޕަރޭޓް ކުރާ ހަމައެކަނި ރޭލަކީ މިރޭލެވެ.