ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ފުޓްބޯޅަ ކްލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކަޑަމީއެއް މާލެ އަތޮޅު ދިއްފުށީގައި މިއަދު ހަވީރު ހުޅުވަން ނިންމާފައިވާކަމަށް އެކްލަބުގެ މެނޭޖްމަންޓުން ބުނެފިއެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން "ހަލި ނިއުސް" އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ނިއުރޭޑިއަންޓްގެ މެނޭޖްމަންޓުން ބުނީ ދިއްފުށީގައި އެކަޑަމީ ހުޅުވަނީ 58 ކުދިންނާއެކު ކަމަށެވެ.

"އަޅުގަނޑުމެން ރަށްރަށުގައި އެކަޑަމީ ހުޅުވަން ހުޅުވާލުމުން އެންމެ ފުރަތަމަ އެކަމަށް ޝައުގުވެރިކަން ފާޅުކުރި އެއްރަށް ދިއްފުއްޓަކީ. މިހާތަނަށް ކުރެވުނު މަސައްކަތުން އެކަޑަމީ ފަށައިގަތުމާއި ހިސާބަށް މިއޮތީ އާދެވިފައި. އުއްމީދަކީ އަޅުގަނޑުމެންގެ އެކަޑަމީތައް ކުރިން ހުޅުވިފައި ހުރި ރަށްރަށާއި އެއްގޮތައް ދިއްފުށީގައިވެސް ކާމިޔާބު ކަމާއެކު ކުރިއަށް ދިޔުން. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ރާއްޖޭގެ 20 ރަށެއްގައި ނިއުގެ އެކަޑަމީ ހުޅުވުން" ނިއުގެ މެނޭޖްމަންޓުން ބުންޏެވެ.

ނިއުއިން ދިއްފުށީގައި އެކަޑަމީ ހުޅުވާއިރު، އެރަށަކީ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްސަލް ކުޅުންތެރިން އުފައްދަމުން އަންނަ ރަށެއްކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ކްލަބް އީގަލްސްގެ ކެޕްޓަން ރިޒްވާން އަހްމަދު (ރިޒޭ) އާއި އެކްލަބުގެ ޒައިން ޒަފަރު ނިސްބަތްވަނީވެސް ދިއްފުއްޓަށެވެ.

ނިއުއިން ވަނީ ދާދިފަހުން ދ.މީދޫގައިވެސް އެކްލަބުގެ އެކަޑަމީއެއް ހުޅުވާފައެވެ.