ސައުދީ ޕްރޯ ލީގުގައި ކަރީމް ބެންޒީމާގެ ފުރަތަމަ ލަނޑު ރޭ ފެނިގެންދިޔައިރު އޭނާ ކުޅެމުން އަންނަ އަލް އިއްތިހާދު ފަސޭހަކަމާއެކު އަލް ރިޔާދް އަތުން 4-0 އިން މޮޅުވެއްޖެއެވެ.
ލީގުގައި މިހާތަނަށް 2 މެޗް ބެންޒީމާ ކުޅުނުއިރު އޭނާގެ ފަރާތުން އޮތީ ލަނޑެއް ނުފެނިއެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުގައި ހުރި ބެންޒީމާގެ ލަނޑު ރޭ ފެނިގެންދިޔައީ މެޗުގެ 17 ވަނަ މިނެޓުގައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އިއްތިހާދުގެ މޮރޮކޯގެ ބައިނަލްއަގުވާމީ ފޯވާޑް އަބްދުލް ރައްޒާޤް ހަމްދުﷲގެ ދެލަނޑުން އެކްލަބުނެ ލީޑް ފުޅާ ކުރިއެވެ. އިއްތިހާދުގެ ހަތަރު ވަނަ ލަނޑަކީ މެޗް ނިމެން ދަނިކޮށް ސާލިހް އަލް އަމްރީ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމޮޅާއެކު ތާވަލުގެ ކުރީގައި އިއްތިހާދް އޮތީ މިހާތަނަށް ކުޅުނު 3 މެޗުން ހޯދި 9 ޕޮއިންޓާއި ފައިދާ 9 ލަނޑާއެކުވެ. ދެވަނައިގައި އޮތީ ރިޔާދް މަހްރޭޒް އާއި ރޮބާޓޯ ފިރްމީނޯ އަދި ފްރޭންކް ކެސީ އާއި ސެއިންޓް މެކްސިމިން ކުޅެމުން އަންނަ އަލް އަހްލީއެވެ. އަހްލީއަށްވެސް 9 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ފައިދާ އޮތީ 5 ލަނޑެވެ.
ސައުދީ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މިސީޒަނަށް ނޭމާ އާއި މަލްކޮމްފަދަ ޔޫރަޕުގެ މަޝްހޫރު ތަރިންތަކެއް ހޯދާފައިވާ އަލް ހިލާލުން ވަނީ 4-0 އިން އަލް ރައީދް ބަލިކޮށްފައެވެ. ހިލާލްގެ ފުރަތަމަ ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މީގެ 5 ވަރަކަށް ދުވަސް ކުރިން އެކްލަބާ ގުޅުނު ސާބިއާ ގައުމީ ޓީމުގެ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިކެވެ. ހިލާލްގެ އަނެއް ތިން ލަނޑު ފެނުނީ ދެވަނަ ހާފުގައެވެ. މީގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ ސާލިމް އަލްދައުސަރީ އާއި އަބްދުﷲ އަލް ހަމްދާންއެވެ.
އަނިޔާގެ ސަބަބުން މިމެޗުގައި ނޭމާ ނުކުޅެއެވެ. ހިލާލްގެ ކޯޗް ޖޯޖް ޖީސަސް ބުނީ އަނިޔާއިން ސަލާމަތްވެ ނޭމާއަށް ދަނޑަށް ނިކުމެވޭވަރު ވާނީ އަންނަ މަހު ކަމަށެވެ.