ރާއްޖެ މިއަދު އޮތް އަޅުވެތި ހާލަތުންނާއި، ދަރަނީގެ ދަންތުރައިން ސަލާމަތް ކުރުމަށް އެންމެ ބޮޑަށް ވިސްނައި ފިކުރު ކުރަންޖެހޭ ބަޔަކީ އެމްޑީޕީގެ އާންމު މެމްބަރުން ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ސެމްބެ މިހެން ވިދާޅުވީ މިއަދު ހެނދުނު ތ. މަޑިފުއްޓަށް ވަޑައިގެން މަޑިފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ސެމްބެ ވިދާޅުވީ ބޭރު ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި، ތިބުމާއި، ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލުމާއި ބޮލަކަށްޖެހޭ ދަރަނި އޮތް ހާލަތާމެދު ގައުމުގެ ކޮންމެ ދަރިޔަކުވެސް ކަންބޮޑުވާނެކަމަށެވެ.

ރާއްޖޭގެ އިސްލާމް ދީނާއި، ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ގައުމީ އަދި ދީނީ ވާޖިބެއްކަން ފާހަގަކުރައްވައި ސެމްބެ ގޮވާލެއްވީ، އެމިނިވަންކަން ހޯދުމަށް ކުރަންޖެހިފައިވާ މަސައްކަތާމެދު ވަކި ފިކުރަކަށް ވީތީ ނުވިސްނައި ފިކުރުނުކޮށް ކިޔާހާ އެއްޗަކަށް އާބަސް ބުނަން ނުތިބުމަށެވެ. ގައުމު މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެނެވޭނީ އެމްޑީޕީގެ އާންމު މެމްބަރުންވެސް އެމޭރުމުން ވިސްނައި ގައުމުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކޮށްގެންކަމަށް ސެމްބެ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެކުވެރިން އެމްޑީޕީގައި ތިބީ. މިގައުމު އޮތް ހާލަތައިމެދު އެމްޑީޕީ މެމްބަރުން ވިސްނަންޖެހޭ. ގައުމުގެ ދަރަނި އޮތް ހާލަތާއި، މިނިވަންކަމަށް ބުރޫ އަރާފައިވާ މިންވަރާއިމެދު ގައުމީ ނަޒަރަކުން ވިސްނަންޖެހޭ،"
ސެމްބެ

ސެމްބެ ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ މިނިވަންކަމައި ސިޔާސަތަށް ކުޑަވެސް ބުރުލެއް އަރާފަދަ ކަމެއް ވުމަށް ޖާގަ ނުދެއްވައި މިނިވަންކަން ހިފެހެއްޓެވި ބަތަލެއް ކަމަށެވެ. ހަމަ އެއާއިއެކު ގައުމު އިގުތިސާދު ދުވަހަކުވެސް ނުދާ މިންވަރަށް މައްޗަށް ޖައްސައި ބޮޑު ރިޒާވްއެއް ހިފެހެއްޓެވި ރައީސެއް ކަމަށެވެ.

ރައީސް ޔާމީން ދިވެހި ގައުމަށްކޮށްދެއްވި އަގުނު ކުރެވޭ ހިދުމަތަށްޓަކައި އެމަނިކުފާނު މިނިވަން ކުރުމަށް ކުރެވޭ އެންމެ ބޮޑު މަސައްކަތަކީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ލާ ވޯޓުކަމަށް ސެމްބެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއިންތިހާބު ފަސޭހަ އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމާއިމެދު މިހާރު ޝައްކު ނުކުރައްވާކަމަށެވެ. ނަމަވެސް ރައްޔިތުން މިއީ ގައުމީ ކަމއްގެ ގޮތުގައި ދެކި މަސައްކަތް ކުރުމަށް ސެމްބެ ވަނީ އެދިވަޑައިގެންފައެވެ.