ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

ޝިޔާމް އެމްޑީޕީއަށް ސޮއިކޮށް ފޯމު ހަވާލު ކުރީ އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެވެ.

ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކާ އޭނާ ދުރުގައި އުޅުއްވާތާ ދުވަސްވަތަކެއް ވުމަށް ފަހުއެވެ. ނަމަވެސް އޭނާ އެ ޕާޓީ ވަކިވީ ކީއްވެގެން ކަމެއް ނޭނގެއެވެ.

މީގެއިތުރުން އޭނާ ވަނީ އެޕާޓީގެ ކެމްޕޭން ހަރަކާތް ތަކުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.

އަދި ޝިޔާން އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން މެމްބަރެކެވެ. ޝިޔާންގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވަނީ ދަ ޑިމޮކްރެޓްސް ދޫކޮށް، މި މަހުގެ 15 ވަނަ ދުވަހު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބަށް ފަހު، އެ މަނިކުފާނަށް ތާއިދު ކުރެއްވި މަޖިލިސް މެމްބަރުން މޭ މަހު އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފައްދާކަން އިއުލާނު ކުރެއްވިއެވެ. އެކަން އިއުލާނު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު އެމްޑީޕީން ވަކިކުރަން އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމުމާ އެކުގައެވެ.