ކިތަންމެ ނުރުހުނަސް އިންސާފުގެ ބެރުޖަހަމުންދާ މީހަކު، އަނިޔާވެރިކަމަށް ހިތްވަރުދީގެން ނުވާނެކަމަށް ރައީސް އަބްދުﷲ ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު މިހެން ވިދާޅުވީ ޖޭޕީގެ ރިޔާސީ ކެންޑޑޭޓް ގާސިމް އިބްރާހީމް، ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވައި އެކްސް.ކޮމްގައި ކުރައްވާފައުވާ ޓުވީޓެއްގައެވެ. ޓުވީޓުގައި، ގާސިމް ފަދަ ބޭފުޅަކު، ރައީސް ޔާމީންގެ ޝަރީއަތާ ބެހޭ ގޮތުން ހަގީގަތް އޮޅުވައިލަން މަސައްކަތް ކުރައްވާތީ އެކަމާ ވަރަށް ހިތާމަ ކުރައްވާ ކަމަށް ވެސް ޑރ. ޖަމީލު އަހުމަދު ވަނީ ވިދާޅުވެފައެވެ.

އޮންލައިން ނޫހަކަށް ދެއްވި ބަސްދީ ގަތުމެއްގައި ގާސިމް ވަނީ ޕީއެންސީގެ ރިޔާސީކެންޑިޑޭޓް މުހައްމަދު މުއިއްޒަށް ރިޝްވަތާއި ހިޔާނާތުގެ އެކި ސުވާލު ކުރިމަތިކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މުއިއްޒުގެ އިތުރުން ރައީސް ޔާމީންގެ ޝަރީއަތާ އަދި މަައްސަލައާ ގުޅޭގޮތުންވެސް ގާސިމްވަނީ ފާޑުވިދާޅުވެ، ސުވާލުތަކެއް ކުރައްވާފައެވެ.

ގާސިމްގެ މިފާޑުކިޔުއްވުމާއި ބަސްތަކަށް ރައްދު ދެއްވައި ޑރ ޖަމީލު ވިދާޅުވީ ގާސިމްފަދަ ބޭފުޅަކު ރައީސްޔާމީންގެ ޝަރީއަތާ ބެހޭ ގޮތުން ހަގީގަތް އޮޅުވައިލަން މަސައްކަތް ކުރައްވާތީ ހިތާމަކުރައްވާކަމަށެވެ. އަދިބައެއް ކަންތައް ހާމަކުރައްވައި ޑރ ޖަމީލު ވަނީ އެކަންތައްތަކަށް އިންކާރު ކުރެވޭނެތޯ ސުވާލު ކުރައްވާފައެވެ.

ވަރަށް ހިތާމަކޮށްފިން ގާސިމް ފަދަ ބޭފުޅަކު ރ. ޔާމީނުގެ ޝަރީޢަތާއިބެހޭ ގޮތުން ޙަގީގަތް އޮޅުވާލަން މަސައްކަތް ކުރައްވާތީ. ތިރީގައި މިވާ ކަންތަކަށް އިންކާރު ކުރެވޭނެތޯ؟
  • ރައީސް ޔާމީނަށް ހުކުމްޖެހި ކޮންމެ ފަނޑިޔާރު މަތީ ކޯޓަށް ބަދަލްވި
  • 270 ނުފޫޒްގަދަ ފަރާތްތަކަށް MMPRC ގެ ތުހުމަތު ކުރެވި ދަޢުވާ ނުކުރެވޭ. އިންސާފު؟
  • އިސްލާމީ ޝަރީއަތުގައި ހެކިބަސް ހުއްދަ ނުވާ ފާސިގު އަދި އަދާވާތްތެރި އަދީބާއި ޒިޔަތުގެ ހެކިބަހަށް ހުކުމްޖެހުން.
  • ތަހުގީގު ކުރާ ފަރާތުން ހެކި އުފައްދަން ހެކިންނަށް ރިޝްވަތު ހުށަހެޅުން. ފުލުސްމީހާ މުހައްމަދު ރިޔާޒްގެ އޯޑިއޯ
  • ގާޒީ ހައިލަމް ވިދާޅުވި ނުފޫޒާއި ބިރު ރައީސް ޔާމީނަށް ހުކުމް ޖަހަން އޮތްކަމަށް، އެބޭފުޅާ މިހާރު ހުންނެވީ ގާސިމް ޕާޓީގައި

ޑރ ޖަމީލު ވިދާޅުވީ މިކަންތައްތަކަށް އިންކާރު ނުކުރެވޭނެ ކަމަށެވެ. އަދި ގާސިމް އެގޮތަށް ފާޑުކިޔުއްވުމަކީ ހިތާމަކުރައްވާކަމެއްކަމަށާއި، ކިތަންމެ ނުރުހުނަސް އަމުދުން އިންސާފުގެ ބެރު ޖަހަމުން ދާބޭފުޅަކު އަނިޔާވެރިކަމަށް ހިތްވަރު ދީގެން ނުވާނެކަމަށެވެ.