ނައިޖަރުގައި ހުންނަވާ ފްރާންސްގެ އެމްބެސަޑަރ ސިލްވައިލް އިއްޓެ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ އެގައުމުން ފައިބައި ވަޑައިގަތުމަށް ނައިޖަރުގެ އަސްކަރީ ސަރުކާރުން އޭނާއަށް އަންގައިފިއެވެ.

މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ނައިޖަރު ސިފައިން ގެނައި ބަޣާވާތަށްފަހު ނައިޖަރާއި ފްރާންސާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްފައެވެ. ފްރާންސުން ނައިޖަރުގެ އިންތިހާބުތަކަށް ނުފޯޒު ފޯރުވައިގެން އެގައުމުން ބޭނުންވާފަދަ ރައީސުން އިންތިހާބުކޮށް އެގައުމުގެ މުއްސަނދިކަން ފޭރޭ ކަމުގެ ތުހުމަތު އަބަދުވެސް އޮވެއެވެ.

ނައިޖަރުގެ އަސްކަރީ ސަރުކާރުން ބުނެފައި ވަނީ އިއްޓެ އެގައުމު ދޫކުރައްވައި ވަޑައިގަތުމަށް އެންގީ ފޮރިން މިނިސްޓަރާ ބައްދަލު ކުރެއްވުމަށް އިއްޓެއަށް ދެއްވި ދައުވަތު ގަބޫލް ނުކުރެއްވުމުން ކަމަށެވެ.

މިކަމާ ގުޅިގެން ފްރާންސްގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ނަން ހާމަނުކޮށް ރޮއިޓަރސްއަށް ބުނީ އެމްބެސެޑަރު ނައިޖަރުން ބޭލުމުގެ އިހްތިޔާރު އެގައުމުގެ އަސްކަރީ ސަރުކާރަށް ލިބިގެން ނުވާ ކަމަށެވެ. "އެމްބެސެޑަރު އައްޔަން ކުރުމާއި އަނބުރާ ފޮނުވާލުމުގެ ބާރު އޮތީ ޤާނޫނީ ގޮތުން އުފެދިފައި އޮންނަ ސަރުކާރަކަށް. އެމްބެސެޑަރަށް ރުހުން ދިނީ ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރަކުން. އޭނާ އަނބުރާ ފޮނުވާލެވޭނީވެސް އެފަދަ ސަރުކާރަކަށް" ނަން ހާމަނުކޮށް ރޮއިޓަރސްއަށް މައުލޫމާތު ދިން ފްރާންސްގެ އޮފިޝަލް ބުންޏެވެ.

48 ގަޑިއިރު ތެރޭގައި ފްރާންސުން އެމްބެސެޑަރު އިއްޓެ ބާލާނެކަން ނުވަތަ ނޫންކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.