ސައުދީ ޕްރޯ ލީގުގައި މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު 5-0 އިން އަލް ފާތިހް ބަލިކޮށް އަލް ނަސްރުން ލީގުގެ ފުރަތަމަ މޮޅު ރޭ ހޯދައިފިއެވެ.

ރޮނާލްޑޯ މިމެޗުގައި ހެޓްރިކް ހެދިއިރު އަނެއް ދެލަނޑު ޖެހީ ސެނަގާލްގެ މަޝްހޫރު ފޯވާޑް ސާޑިއޯ މާނޭއެވެ. މީގެ ތެރެއިން ފުރަތަމަ ލަނޑަކީ ރޮނާލްޑޯ ބެކްހީލް ޕާހަކުން ތަނަވަސްކޮށްދިން ފުރުސަތަކުން މާނޭ ކާމިޔާބު ކުރި ލަނޑެކެވެ. ނަސްރުން ލީޑް ނެގީ މިލަނޑުންނެވެ.

ރޮނާލްޑޯގެ ލަނޑުތައް ފެނުނީ 38 ވަނަ މިނެޓާއި 55 ވަނަ މިނެޓް އަދި މެޗުގެ އިތުރު ވަގުތުގައެވެ. ރޮނާލްޑޯ ފުރަތަމަ ލަނޑު ޖެހީ އަރިމަތިން އޭރިޔާގެ ތެރެއަށް ހުރަސް ކުރި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. ދެވަނަ ލަނޑު ޖެހީ ނަސްރުގެ ކުޅުންތެރިޔަކު ކީޕަރު ކައިރިން ނައްޓާލުމަށްފަހު ތަނަވަސްކޮށްދިން ފުރުސަތަކުން ހުހަށްހުރެ ގޯލަށް ފޮނުވާލައިގެންނެވެ. ތިންވަނަ ލަނޑު ޖެހައި ރޮނާލްޑޯ ހެޓްރިކް ފުރިހަމަ ކުރީ ގޯލުގެ އަރިމަތީ ދަނޑި ކައިރިއަށް މަޑު މަޑުން ހުރަސްވި ބޯޅައެއް ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިގެންނެވެ.

ނަސްރާއި އަލް ފާތިހް ބައްދަލު ކުރި މެޗުގެ އުސްއަލިތައް:

https://webstories.sonyliv.com/stories/saudiproleague2023-al-fateh-vs-al-nassr/al-fateh-vs-al-nassr-25-aug-2023-1692987388954.html

މިސީޒަނުގައި އަރަބް ކަޕް ނަސްރަށް ކާމިޔާބު ކޮށްދީ އެމުބާރާތުގެ ރަންބޫޓް ހޯދި ރޮނާލްޑޯ މިހާރު ހުރީ ވަރަށް ފޯމުގައެވެ. ޔޫރަޕުގައި ދެއްކި ލަނޑު ޖެހުމުގެ ހުނަރު މިސީޒަނުގައި އޭނާ ދަނީ ސައުދީ ލީގުގައި ދައްކަމުންނެވެ.

މިމޮޅާއެކު ތާވަލުގެ 10 ވަނައިގައި ނަސްރު އޮތީ 3 ޕޮއިންޓާއެކުއެވެ. މީގެ ކުރިން ކުޅުނު 2 މެޗުން ނަސްރު ވަނީ ބަލިވެފައެވެ. ލީގުގެ އެއްވަނައިގައި ކުޅުނު 3 މެޗްވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު އޮތީ ކަރީމް ބެންޒީމާ ކުޅެމުން އަންނަ އަލް އިއްތިހާދެވެ.