ތަފާތު ވަރުގަދަ ރޫހެއްގައި ކުޅެ ވާދަވެރި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) 3-5 އިން ބަލިކޮށް ކްލަބް ވެމްކޯ އިން ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަރަހަށް ރޭ ހޯދައިފި އެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގައި ވެމްކޯއިން ލީޑް ނެގީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ކެޕްޓަން އަލީ ޝިޔާހް (ޝިޔަޅޭ) ގެ ލަނޑުންނެވެ. ލީޑުގައި އޮއްވައި ވެމްކޯއަށް ކުޑަވަގުތު ކޮޅަކަށް ސިހުން ގެނުވީ ހުނަރުވެރި ކުޅުންތެރިޔާ އިސްމާއިލް ވަޖީހް (ވައްޖެ) އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ވެމްކޯއިން މެޗުގެ ތެރެއަށް އެނބުރި އައިސް ހަމަޖެހިލީ ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ލީޑް ފުޅާ ކޮށްދިނުމުންނެވެ.
ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސަލް ކުޅުންތެރިންތަކެއް ތިބި އާރްއާރްސީއިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އުއްމީދެއް ލިބި މެޗުގެ ފޯރިގަދަވީ ހުސެއިން ޣައްސާން ލަބީބް (ހުސީ) ލަނޑެއް ޖަހައި ފަރަގު ކުޑަ ކުރުމުންނެވެ. އެކަމަކު އަހްމަދު ވިޖުދާން (ވިޖުއްކޮ) ލަނޑެއް ޖަހައި ވެމްކޯގެ އަތުގައި މެޗުގެ ފުރިހަމަ ކޮންޓްރޯލް ބާއްވައި ދިނެވެ. އޭގެ ފަހުން އާރްއާރްސީގެ މައްޗަށް ވެމްކޯއިން ބޮޑު ލީޑެއް ނެގީ ފޭދޫ އިއްބެ އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަބްދުﷲ ޖުނައިދު (ޖެންނޭ)ގެ ލަނޑުންނެވެ.
މެޗުގެ ފަހު މިނެޓް ކޮޅުގެ ތެރޭގައި އާރްއާރްސީއިން ދެލަނޑު ޖަހައި ފަރަގު ކުޑަކުރިއެވެ. އެކަމަކު ވެމްކޯގެ ރޫހު ބަލިކޮށް ނަތީޖާ ހަމަހަމަ ކުރެވޭ ގޮތެއް ނުވިއެވެ.
މުބާރާތުގެ މަގާމްތައް:
* އެންމެ މޮޅު ކުޅުންތެރިޔާ: ވެމްކޯގެ ކެޕްޓަން ޝިޔާހު (ޝިޔަޅޭ)
* އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ: ޝިޔާހު (ޝިޔަޅޭ) އަދި ހުސީ (8 ލަނޑު)
* އެންމެ މޮޅު ކޯޗް: ވެމްކޯގެ އަހުމަދު ތޯހާ
* ގަދަ ފަސް ކުޅުންތެރިން: ޝިޔާހު (ޝިޔަޅޭ) ، އަލީ ރެޒާ ، އަބްދުﷲ ޒިމާމް، އަލީ ހާފިޒް (އައްޔަ)، ހުސީ