އުއްތަރު ޕްރަދޭޝްގެ މުޒައްފަރުނަގަރުގެ އަމިއްލަ ސްކޫލެއްގެ ޓީޗަރަކު އޭނާގެ ކްލާހުގައި ތިބި ކުދިން ލައްވައި މުސްލިމް ދަރިވަރަކަށް އަނިޔާ ކުރި މައްސަލާގައި އެޓީޗަރު ހައްޔަރުކޮށް ތަހްގީގް ފަށައިފިއެވެ.

ސޯޝިއަލް މީޑިޔާގައި މުސްލިމް ދަރިވަރަށް އަނިޔާ ކުރާ ވީޑިއޯ ވައިރަލްވެ ގިނަ ބައެއްގެ ފާޑު ކިޔުން ދަނީ ޓީޗަރަށާއި ސްކޫލަށް އަމާޒުވަމުންނެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ފަހަރަކު ކުއްޖަކު އައިސް މުސްލިމް ދަރިވަރު ގައިގެ އެކިތަންތަނުގައި ޖެހުމަށް ޓީޗަރު އިރުޝާދުދޭ މަންޒަރު ފެނެއެވެ.

އަލްޖަޒީރާގައި އާންމުކޮށްފައިވާ ވީޑިއޯ:

https://www.aljazeera.com/news/2023/8/25/outrage-in-india-over-video-of-teacher-telling-kids-to-slap-muslim-student

އަދި މުސްލިމް ދަރިވަރުގެ ޢަޤީދާއަށް އިޝާރާތްކޮށް “މުޙައްމަދީ ކުދިން” އޭ ބުނެ ފުރައްސާރަކޮށް ޓީޗަރު ވާހަކަ ދެއްކިއެވެ. އޭރު މުސްލިމް ދަރިވަރު ހުރީ ކަރުނުން ދެލޯ ބަންޑުންވެފައެވެ.

އޮފިޝަލުންނާއި ހަވާލާދީ އިންޑިޔާގެ "އިންޑިޔަން އެކްސްޕްރެސް" ނޫހުން ބުނީ މިހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މަންސޫރު ޕޮލިސް ސްޓޭޝަންގެ އިހްތިސާސްގެ ދަށުން ހިންގާ ހުޅުބާޕޫރު އަވަށުގައެވެ. އަދި މިހާރު ފުލުހުންނާއި ތައުލީމީ އިދާރާއިން ދަނީ ޓީޗަރު ޓްރިޕްތާ ޓިޔާގީ އާއި އޭނާ މަސައްކަތް ކުރަމުންދިޔަ ނޭހާ ޕަބްލިކް ސްކޫލާއި މެދު ފިޔަވަޅު އަޅަން މަސައްކަތް ކުރަމުންނެވެ.