"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މަދަމާ އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވެފައިވަނީ މާދަމާ އިން ފެށިގެން ރަޖިސްޓްރީ ދޫކުރަން ހަމަޖެހިފައިވާ ކަމަށާއި އެކަން ކުރިއަށް ގެންދާނީ ގްރޫޕް ގްރޫޕަށް ބަހައިގެން ކަމަށެވެ. އަދި ރަޖިސްޓްރީ ދޫކުރާ ފަރާތްތަކަށް ދާން ޖެހޭ ދުވަސްތައް އަންގާނެ ކަަމަށްވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

މާދަމާ ރަޖިސްޓްރީ ދޫކުރާކަން ހާމަކޮށްފައިވާއިރު، މިއަދު ވަނީ 'ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި އަދި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފައެވެ.

ގޯތީގެ ރަޖިސްޓްރީ ދޫކުރާނެ އިދާރާއަކީ ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލް، ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައ،ި ނުވަތަ ސަރުކާރުން ވަކި ސަރަޙައްދެއް ތަރައްގީ ކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއެއްކަމަށް މިގަވާއިދުގައި ބުނެފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެއިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުމަށް ފަހު ގޯތީގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހަށެވެ. ގުރުއަތު ނިންމާލުމަށް ފަހު ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް އޭރު ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.