މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދިވެހި އަންހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

އަންހެން ވޮލީ ޓީމުން ކުޅުނު އެންމެ ފުރަތަމަ މެޗުން މޮރިޝަސްއާ ވާދަކުރި އިރު، ގައުމީ ޓީމު ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

އަންހެން ވޮލީގައި ރާއްޖެ ހިމެނެނީ ސީޝެލްސް އާއި މޮރިޝަސްއާ އެކު ގްރޫޕް ބީ ގައެވެ. އަދި ގުރޫޕް އޭގައި ހިމެނިފައިވަނީ މަޑަގަސްކަރަ އާއި ރީޔޫނިއަންއެވެ.

ފުރަތަމަ މެޗު މިއަދު މެންދުރު ކުޅިފައިވަނީ މޮރިޝަސްއާ ދެކޮޅަށެވެ. މުޅި މެޗުގައި ވެސް ގައުމީ އަންހެން ވޮލީ ޓީމަށް ރަނގަޅު ވާދައެއް ކޮށްލެވުނީ ތިން ވަނަ ސެޓުގައެވެ. ތިން ވަނަ ސެޓުގައި ރާއްޖެ އިން ވަނީ 20 ޕޮއިންޓު ހޯދާފައެވެ. އަދި މޮރިޝަސް އިން ކާމިޔާބު ކުރި ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-11، 25-16 އަދި 25-20 އިންނެވެ. ސީދާ ތިން ސެޓުން ދިވެހި ޓީމު ބަލިވިޔަސް ސެޓަކަށް ވުރެ ސެޓެއް ދިވެހި ޓީމުގެ ނަތީޖާ ރަނގަޅެވެ.

ފުރަތަމަ މެޗުން ސީދާ ތިން ސެޓުން ބަލިވިނަމަވެސް، އަންހެން ވޮލީ ޓީމުގެ އަމާޒަކީ ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށް ވަނީ ބުނެފައެވެ.

އަންހެން ވޮލީ ޓީމުގެ ދެވަނަ މެޗު އޮންނާނީ މާދަމާއެވެ. ދެ ވަނަ މެޗުގައި ރާއްޖެ ނިކުންނާނީ ޝީޝެލްސްއާ ދެކޮޅަށެވެ.