މަޑަގަސްކަރާގައި ކުރިއަށްދާ 11 ވަނަ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓޭބަލް ޓެނިސް (ޓީޓީ) ޓީމް ކުޅުނު ފުރަތަމަ މެޗުގައި، މުބާރާތް ބާއްވާ ގައުމު އަތުން ބަލިވެއްޖެއެވެ.

ރާއްޖެއިން ކުޅުނު އެންމެ ފުރަތަމަ މެޗުން މަޑަގަސްކަރައާ ވާދަކުރި އިރު، މަޑަގަސްކަރަ އަތުން ރާއްޖޭގެ ޓީމް ބަލިވީ ސީދާ ތިން ގޭމުންނެވެ.

އެގޮތުން ފުރަތަމަ ގޭމްގައި މުހައްމަދު ޝައްފާން އިސްމާއީލް ކުޅެން ނިކުމެ, މަހޭފް އަތުން ފުރަތަމަ ސެޓް ހޯދީ މޮޅު ކުޅެމެއް ދައްކައިގެންނެވެ. އެއީ 5-11 ގެ ސްކޯއަކުން މޮޅުވެގެންނެވެ. އެކަމަކު ޖެހިގެން އައި ސެޓް 11-7 އިން ރަންޑްރިއަންނަޓޯންޑްރޯ މަހޭފް ގެންދިޔައެވެ. ނަމަވެސް ދޫނުދީ ކުޅެ ތިންވަނަ ސެޓް ޝައްފާން ހޯދީ 6-11 އަކުންނެވެ. އެ ސެޓަށް ފަހު ކުޅުނު ހަތަރުވަނަ ސެޓް މަހޭފް ގެންދިޔައީ 11-7 އިންނެވެ. އެ ސެޓް ގެންދިއުމުން ނަތީޖާ ނެރެވުނީ ފަސްވަނަ ސެޓް ކުޅެގެންނެވެ. ފަސްވަނަ ސެޓްގައި ޝައްފާން ވަނީ 11-5 އިން ބަލިވެފައެވެ.

ދެވަނަ ގޭމުގައި މޫސާ މުންސިފް އަހުމަދު އާ ދެކޮޅަށް ނިކުތީ ނަޓިވެލް ޖޮނަތަންއެވެ. ފުރަތަމަ ސެޓް ޖޮނަތަން ގެންދިޔައީ 11-5 އިންނެވެ.ދެވަނަ ސެޓުގައި މުންސިފް ވަރަށް ރަނގަޅު ކުޅުމެއް ދެކިނަމަވެސް ސެޓް ގެއްލުނީ ވަރަށް ކައިރިކޮށް 12-10 އިންނެވެ.އެކަމަކު އެރޫހުގައި ކުޅެ ތިންވަނަ ސެޓް މުންސިފް ހޯދާފައިވަނީ 12-10 އިންނެވެ.ނަމަވެސް އަނެއްކާވެސް ހަތަރުވަނަ ސެޓް މުންސިފް އަތުން ގެއްލުނީ 11-5 އިންނެވެ.

ތިންވަނަ ގޭމަށް ނިކުތީ މުހައްމަދު ޒީސްތު ނަސީމެވެ. ޒީސްތު އަތުން ރަޒަފިންރަލަމްބޯ ޒޯ ނަދަރު ކުރި ހޯދާފައި ވަނީ ތިން ސެޓުން ބަލިކޮށްފައެވެ. އެއީ 11-7, 11-7 އަދި 11-3 އިންނެވެ.

ގުރޫޕް ސްޓޭޖްގައި ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނެނީ މަޑަގަސްކަރައާއި ކޮމޯރޯސްއެވެ.