އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސްގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފިޔަވައި، އެހެން ހުރިހާ ބޭފުޅުންވެސް ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

ގައުމީ ޔުނިވާސިޓީ އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގުޅިގެން ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އަށް ކެންޑިޑޭޓުންނަށްވެސް ރިޔާސީ ބަހުސްގައި ބައިވެރި ވުމަށް ދައުވަތު ވަނީ ދީފައެވެ.

ބަހުސްގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން މިހާތަނަށް ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާ، ފާރިސް މައުމޫން، އުމަރު ނަސީރު، އަދި ހަސަން ޒަމީލުވެސް ހިމެނެއެވެ.

ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު، ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަތުމާމެދު ރަސްމީކޮށް މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރައީސް ސާލިހު ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުމާ ގުޅޭ ގޮތުން މީގެ ކުރިން ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބުދެއްވައމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިންގެ ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުވަން ކަމަށެވެ. އެހެންކަމުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު، ވަގުތު ތަންދޭ ކަމަށްވާ ނަމަ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވަމުން ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނު، އިމްތިޔާޒު ފަހުމީ ވިދާޅުވީ ރިޔާސީ އިންތިހާބެއްގައި އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންނާ ބައްދަލުކުރުމުގެ އިތުރުން، ބަހުސްގެ ޒަރިއްޔާއިން، ރައްޔިތުންގެ ފަރާތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުން ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ރައީސް އުޒުރު ދައްކަވަމުން ގެންދާކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އަންނަ ހުކުރު ދުވަހުގެރޭ 9 ޖަހާއިރު ބަހުސް ފެށުމަށް ހަމަޖެހިފައި ވާއިރު އެ ބަހުސްގައި ކެންޑިޑޭޓުންގެ ތަސައްވަރާއި ސިޔާސަތުތަކާއި ކުރިއަށް އޮތް ފަސް އަހަރާ މެދު ކެންޑިޑޭޓުންގެ އުންމީދުތައް ހުރި ނެތް ގޮތް ހާމަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.

ބަހުސްގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން މިހާތަނަށް ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާ، ފާރިސް މައުމޫން، އުމަރު ނަސީރު، އަދި ހަސަން ޒަމީލުވެސް ހިމެނެއެވެ.

2018 ވަނަ އަހަރުގެ އިންތިހާބުގެ ބަހުސްގައިވެސް ރައީސް ސާލިހު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.