އަންހެނުންގެ ވަރލްޑް ކަޕް ފައިނަލް މެޗަށްފަހު ފޯވާޑް ހެރްމޯސޯގެ ތުންފަތުގައި ބޮސްދިން މައްސަލައިގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރޫބިއަލެސް ދުނިޔޭގެ ގަވަނިން ބޮޑީ ފީފާއިން ވަގުތީ ގޮތުން މިއަދު ސަސްޕެންޑްކޮށްފި އެވެ.

ފީފާއިން ރޫބިއަލެސް ،46، ސަސްޕެންޑް ކޮށްފައި މިވަނީ އޭނާ އިސްތިއުފާ ނުދެނީސް ގައުމީ ޓީމަށް ނުކުޅޭނެކަން ސްޕެއިނުގެ 81 ކުޅުންތެރިން މިއަދު އިއުލާން ކޮށްފައި ވަނިކޮށެވެ.

ރޫބިއަލެސް ސަސްޕެންޑްކޮށް މީގެ 15 ވަރަކަށް މިނެޓް ކުރިން ފީފާއިން ނެރެނު ބަޔާނުގައި ބުނީ "ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފުޓްބޯޅައާ ގުޅުން ހުރި ހުރިހާ ހަރަކާތްތަކެއް ވަގުތީ ގޮތުން ސަސްޕެންޑް ކުރަން" ނިންމާފައެވެ.

"މިއަދުން ފެށިގެން އަމަލުކުރަން ފަށާ މި ސަސްޕެންޝަނަކީ ޑިސިޕްލިނަރީ ޝަރީއަތް ނިމެންދެން 90 ދުވަހުގެ މުއްދަތަކަށް ކުރާ ސަސްޕެންޝަނެއް" ފީފާގެ ބަޔާނުގައި ބުނެފައިވެއެވެ.

ރޫބިއަލްސް ސަސްޕެންޑް ކުރުމުގެ އިތުރުން ފީފާއިން ވަނީ މިމައްސަލައާ ގުޅޭ ގޮތުން ހެރްމޯސޯއާ މުއާމަލާތް ނުކުރުމަށް ރޫބިއަލެސް އާއި ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނަށް އަންގާފައެވެ.

އިންގްލެންޑް 1-0 އިން ބަލިކޮށް ސްޕެއިނުން ފުރަތަމަ ފަހަރަށް ވަރލްޑް ކަޕް ޗެމްޕިއަންކަން ހޯދިިއިރު ސްޕެއިނުގެ އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައިވާ ހެރްމޯސޯގެ ދައުރު ވަރަށް ބޮޑެވެ.