މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމާއި ފިރިހެން ޓީޓީ ޓީމް، ޓީމު އިވެންޓުން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

ފިރިހެން ބެޑްމިންޓަން ޓީމް ސެމީފައިނަލުން ޖާގަ ހޯދީ ކުޅުނު 2 މެޗުންވެސް މޮޅުވެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެއީ މަޑަގަސްކަރަ އާއި މަޔޮޓް ބަލިކޮށްފައެވެ.

ޓީޓީ ޓީމު ފުރަތަމަ މެޗުގައި 3-0 ސެޓުން ބަލިވިނަމަވެސް ސެމީފައިނަލުން ޖާގަ ހޯދީ ކޮމޮރޯސް އަތުން 3-1 ސެޓުން އަދި މޮރިޝަސް އަތުންވެސް 3-1 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ސްވިމިން އިވެންޓަށް ބަލާއިރު، ޕްރިލިމިނަރީ ހީޓްތަކުން ކުރި ހޯދައި ރާއްޖޭގެ އިބްރާހިމް މުބާލާއި ޒައިނަބު އަބްދުﷲ ޝަފީގުގެ އިތުރުން ރިހާން މުހައްމަދު ޝިހާމް އިއްޔެ ވަނީ ފައިނަލް ބުރުން ޖާގަ ހޯދައިފަ އެވެ.

ރާއްޖޭގެ މުބާލް ވަނީ ޕްރިލިމިނަރީ ބުރުގެ 200 މީޓަރު ފިރިހެން ފްރިސްޓައިލް އިވެންޓުގައި ވާދަކޮށް ގައުމީ ރެކޯޑް މުގުރާލާފައެވެ. އޭނާ ހީޓް ނިންމީ ދެ މިނެޓް، 11.57 ސިކުންތުންނެވެ. 100 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް އެއް މިނެޓް 16.45 ސިކުންތުން ރޭސް ނިންމައި ހަނާން ހުސައިން ހަލީމްވެސް ވަނީ ގައުމީ ރެކޯޑް ހަދާފައެވެ.