އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒް ހދ. ހަނިމާދޫއަށް ބަދަލުކުރާތީ، އެކަން ފާހަގަކުރުމުގެ ގޮތުން ސިފައިންގެ މިލިޓަރީ ޕެރޭޑް މިއަދު ހއ.ދިއްދޫގައި ބާއްވަން ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ބާއްވަން ހަމަޖެހިފައިވާ ޕެރޭޑު ހުއްޓަން ހަމަޖެހިފައިވަނީ އެރަށުގެ ހަތަރު ސަރަހައްދަކަށް ކަމަށެވެ. އެއީ އިސްދޫގެ ކުރިމަތި، ރަށްދެބައިމަގު ޖަންކްޝަން ކުރިމަތި، ހއ.އަތޮޅު އެޓިއުކޭޝަން ސެންޓަރ އަދި ޓާފް ފުޓްބޯޅަ ދަނޑުކުރިމަތީއެވެ.

މިއަދު ހަވީރު 4:30 ގައި ފަށަން ހަމަޖެހިފައިވާ ޕެރޭޑަށް ފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ފުރުސަތު އާމުންނަށް ހުޅުވާލާފައިވާކަމަށް އެމްޑީއެފްއިން ބުންޏެވެ.

މިއަދު ދިއްދޫގައި ޕެރޭޑު ބާއްވަން ހަމަޖެހިފައިވާއިރު މާދަމާ ޕެރޭޑު ބާއްވަން ހަމަޖެހިފައިވާނީ ހއ. އިހަވަންދޫގައެވެ. އަދި އެންމެ ފަހު ރަށެއްގެ ގޮތުގައި މި މަހުގެ 29 ވަނަ ދުވަހު ހދ. ނޮޅިވަރަންފަރުގައި ޕެރޭޑު ބާއްވާނެކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ، އަދި، އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެކެވެ. އެމްއެންޑީއެފްގެ ޕެރޭޑްތައް އާންމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފައެވެ.

އެމްއެންޑީއެފްގެ ލީޑަރޝިޕުގެ ވިސްނުންފުޅު ހުރީ، ވަގުތު ލިބުނު ވަރަކުން މި ފަދަ ހަރަކާތްތައް ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިއަށް ގެންގޮސް، ގިނަ ބަޔަކަށް މި ހަރަކާތްތައް ދައްކާގޮތަށެވެ.