'ބިންވެރިޔާ' ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ މީހުން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުން މިއަަދުން ފެށިގެން ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކުރިއަށް ދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ގޯތި ލިބޭ ފަރާތްތަކުން ހާޒިރުވާނެ ދުވަހާއި ގަޑި އެ މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށެވެ.

ގޯތި ލިބޭ ފަރާތަކުން ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން ފަރާތެއް އައްޔަން ކުރާނަމަ، "ގެދޮރުވެރިން ޕޯޓަލް" ގައި އެޓޭޗްކޮށްފައިވާ "ޕަވަރ އޮފް އެޓާނީ" ފުރިހަމަ ކުރަންޖެހެއެވެ. އިއުލާނުގައި ބުނީ ގޯތި ހަވާލު ކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވަރ އޮފް އެޓާނީ މިއަދުން ފެށިގެން "ގެދޮރުވެރިން ޕޯޓަލް" އިން ފެންނަން ހުންނާނެ ކަމަށެވެ.

ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުން ގެންދަން ޖެހޭ ތަކެތީގެ ތެރޭގައި، ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، ބަދަލުގައި ސޮއި ކުރާ ފަރާތެއް ނަމަ، ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވަރ އޮފް އެޓާނީގެ އަސްލު، އަދި އެ މީހެއްގެ އައިޑީ ކާޑުގެ ކޮޕީ ގެންދަން ޖެހޭނެ އެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ގެނައުމަށް، ގޯތި ދިނުމަށް ސަރުކާރުން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދަށުން، ގޯތި ލިބޭ އެންމެންގެ މެދުގައި ގުރުއަތު ނަގައި ނިމުމުން، ގޯތި ކެނޑުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުނަގައި ނިމިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމުން ޝަރުތު ހަމަވި 19،639 މީހުންނަށް ޖުމްލަ 9،003 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ހުޅުމާލޭގެ އިތުރުން ގުޅިފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ. ސަރުކާރުން ނިންމާފައިވަނީ ހުޅުމާލެ އިން 1،351 ގޯއްޗާއި، ގުޅިފަޅުން 2،219 ގޯއްޗާއި، ގިރާވަރުފަޅުން 5,433 ގޯތި ދިނުމަށެވެ. ގޯތި ދޫކުރުމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.