އައްޑޫ ސިޓީން ސިޔާސީ ޕާޓީތަކަށް ބިން ދޭން ސިޓީކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީކައުންސިލްގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ މިއީ 2011 ވަނަ އަހަރުން ފެށިގެން އޮންނަ ސިޔާސަތެއް ކަމަށެވެ. ޙަރަކާތެރި ޕާޓީތަކުން އެދެފި ކަމަށްވާނަމަ އެރަށެއްގައި ބިންހުރި މިންވަރަކުން ބިން ދޭންޖެހޭ ކަމަށް ޤާނޫނުގައި ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔަސްރިފް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް އައްޑޫއިން ބިންދޫކުރަނީ ހިލޭ ކަމަށެވެ. އެގޮތުން ކައުންސިލުން މިއަދުވާނީ ބިންދޫކުރާނީ ޕާޓީގެ ދަފްތަރުގައި ވިހިހާސް މީހުން ތިބި ޕާޓީތަކަށް ކަމަށް ނިންމަވައިފައެވެ. "ބިންދޫކުރާނީ ސިޔާސީ ޙަރަކާތްތައް ހިންގާ ޕާޓީތަކަށް. އަދި ދަފްތަރުގައި ވިހި ހާސް މީހުން ތިބެންޖެހޭނެ. އޭގެ އިތުރުން އައްޑޫގައި އެޕާޓީއެއްގެ އޮފީސް ހިންގާތާ ފަސް އަހަރުވެފައިވުން ލާޒިމް. މިފަދަ ޕާޓީއަކުން ބިން ހޯދަން އެދި ހުށަހަޅައިފި ކަމަށްވާނަމަ ހިލޭ ބިން ދޫކުރެވޭނެ. ކައުންސިލުން ދެކެނީ މަލްޓި ޕާޓީ ޑިމޮކްރަސީއަށްޓަކައި ސިޔާސީ ޕާޓީތަކަށް ފަސޭހައިން ސިޔާސީ ހަރަކާތް ހިންގެން ޖެހޭނެ ކަމަށް،" ޔަސްރިފް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަށް ހިލޭ ބިންދޭން ނިންމުމުން ބައެއް މީހުން ގެންދަނީ ކައުންސިލަށް ފާޑު ވިދާޅުވަމުންނެވެ. އެކަމާ ގުޅިގެން އައްޝައިޚް މުޙައްމަދު އަނީލު ވިދާޅުވެފައިވަނީ ރައްޔިތުންނަށް ދޭނެ ބިމެއް އައްޑޫ ސިޓީގައި ނެތް ކަމަށް ސިޓީކައުންސިލުން ވިދާޅުވާ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ މީހުންނަށް ދޭނެ ބިމެއް އައްޑޫގައި ނެތްވާހަކަ ކައުންސިލުން ވިދާޅުވާއިރު އަނެއްކޮޅުން އަޑު އިވެނީ ސިޔާސީ ޕާޓީތަކަށް ބިންދޭ ވާހަކަ ކަމަށެވެ.
"ސިޔާސީ ޕާޓީތަކަށް ބިންދޭން ވާހަކަ ދެއްކޭއިރު އައްޑޫ އިން ބިމަށް އެދި ލާފައިވާ މީހުންނަށް ދޭނެ ބިމެއް ވެސް އައްޑޫގައި ނެތްކަމަށް މި ކައުންސިލުން ބުނެ ހަދަނީ،" އަނީލް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ޕާޓީތަކަށް ސަރުކާރު ބަޖެޓުން ފައިސާ ދެއްވާ ކަމަށެވެ. އެހެން ކަމުން ޕާޓީތަކަށް ތަންތަން ކުއްޔަށް ނަގައިގެން ވެސް އުޅެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއްވެސް ސިޔާސީ ޕާޓީއަކަށް މިހާތަނަށް އައްޑޫއިން ބިމެއް ދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ވަނީ ރައީސް ނަޝީދުގެ އޮފީހެއް ހުޅުވައިފައެވެ. އެއީ މީހެއްގެ ގެއެއްގައި ހުޅުވާފައިވާ ތަނެކެވެ.