ސެޕްޓެމްބަރު މަހު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ވޯޓާސް ލިސްޓުގައި މިހާތަނަށް ސޮއިކޮށްފައި ވަނީ ތިން ކެންޑިޑޭޓެކެވެ. އެއީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާ އުމަރު ނަސީރުގެ ފަރާތުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
މިރޭ ދިހައެއް ޖެހުމާ އެކު، ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ވަގުތު ހަމަވެ، އޭގެ ފަހުން ވޯޓާސް ލިސްޓުގައި ސޮއި ކުރުމަށް އިތުރު ފުރުސަތުދެވެން ނެތްއިރު، ހަމައެކަނި މި ލިސްޓުގައި ސޮއިކޮށްފައި މިވަނީ، ރިޔާސީ އިންތިހާބު، 2023 އަށް ކުރިމަތިލައްވާފައިވާ އަށް ކެންޑިޑޭޓުންގެ ތެރެއިން އެންމެ ތިން ކެންޑިޑޭޓުންނެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ރިޔާސި އިންތިހާބުގެ ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަދި ސުންގަޑި ހަމަވާން މިހާ ވަގުތުކުޑަވިއިރު، އިންތިހާބުގައި ވާދަކުރާ އެންމެ ބޮޑެތި ޕާޓީތަކުން މިހާތަނަށް އަދި ސޮއި ކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައި، ޓިކެޓް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން މިވަގުތާހަމަޔަށް ސޮއި ނުކޮށް ތިއްބެވީ:
- އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހު
- ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު
- ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް
- އަމިއްލަ ގޮތުން ވާދަ ކުރައްވާ އަހުމަދު ޒަމީލް
- އަމިއްލަ ގޮތުން ވާދަ ކުރައްވާ ފާރިސް މައުމޫން
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހިނގައިދިޔަ ކަންތައްތަކަށްފަހު ސުޕްރީމް ކޯޓުން، 2013 ވަނަ އަހަރު ވަނީ ގައިޑްލައިނެއް ނެފެރައެވެ. ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ޖެހޭގޮތަށް ހަމަޖައްސާފައިވަނީ މި ގައިޑްލައިންގެ ދަށުންނެވެ.