ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ފުޓްބޯޅަ ކްލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޜަނުގައި ވާދަ ކުރުމަށް ތައްޔާރު ވުމަށްޓަކައި ފަރިތަކުރުންތައް މިރޭ ފެށުމަށް ނިންމައިފިއެވެ.

ނިއުގެ މެނޭޖްމަންޓުން "ހަލިނިއުސް" އަށް މައުލޫމާތު ދެމުން ބުނީ ފަރިތަކުރުންތައް ފަށާނީ ބިދޭސީ 6 ކުޅުންތެރިންނާއެކު ކަމަށެވެ. މީގެ ތެރޭގައި ޕާކިސްތާން ގައުމީ ޓީމުގެ ކީޕަރުވެސް ހިމެނެއެވެ.

"ދިވެހި ކުޅުންތެރިންގެ ތެރެއިން ދެކުޅުންތެރިން ފިޔަވައި ދެންތިބޭނީ މުޅިންވެސް މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު ކުޅުންތެރިން. އަދި ބިދޭސީ 6 ކުޅުންތެރިޔަކުވެސް ފަރިތަކުރުންތަކުގައި ބައިވެރިވާނެ" ނިއުގެ މެނޭޖްމަންޓުން ބުންޏެވެ.

"ސްކޮޑަކާއެކު އަޅުގަނޑުމެން ފަރިތަކުރުންތައް ފެށި ކަމުގައިވިޔަސް ނިއުއަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އެފަރުސަތު އޮތް ވާހަކަ އަޅުގަނޑުމެން ދަންނަވާލަން ބޭނުން. ކްލަބުގެ ޓްރަޔަލްގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ކުޅުންތެރިންނަށް ދައުވަތު އަރުވަން" ނިއުގެ މެނޭޖްމަންޓުން ބުންޏެވެ.

ނިއުއިން ޕްރެކްޓިސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިރޭ 21.00 އިން 22:00 އަށް އެފް އޭ ޓާރފް 1 ގައެވެ. އިތުރު އެއްވެސް ތަފްސީލެއް ބޭނުންވާ ނަމަ 9879999 އަށް ގުޅުމަށް ނިއުއިން އެދެއެވެ.