ނ. މަނަދޫގެ ގެއެއްގެ ތެރޭގައި މިދިޔަ އޭޕްރީލް މަހު އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލަ ތަހުގީގުގައި ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހާ އެކު ކުރަމުން އަންނަ މަޝްވަރާތަކުގައި، އެ މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމާ ގާތަށް އާދެވިފައިވާ ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފިއެވެ.

އާންމުކޮށް މައްސަލަތަކުގެ ޑިއުޓީ ޕްރޮސެކިއުޝަން ފަށަނީ ތަހުގީގުގެ ވަކި ހިސާބަކުން ނަމަވެސް، މަރު ފަދަ ބޮޑެތި މައްސަލަތަކުގައި ފުލުހުން ތަހުގީގު ފެށުމާ އެކު، ގާނޫނީ ލަފާދިނުމުގައި ޕީޖީން ބައިވެރިވެއެވެ. އެގޮތުން، މި މައްސަލާގައި ދައުވާކުރުމާ މެދު ގޮތެއް ނިންމުމުގެ މަޝްވަރާތައް ތަހުގީގުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފުލުހުންނާ އެކު ފަށާފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

އެ މަޝްވަރާތައް މިހާރު އޮތް ހިސާބު ސާފުކޮށްދެއްވަމުން ޕީޖީ އޮފީހުގެ ތަރުޖަމާނު އަހްމަދު ޝަފީއު ވިދާޅުވީ، މި މައްސަލާގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމާ ގާތަށް މިހާރު އާދެވިފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މަނަދޫ، އަންނާރުމާގޭގައި ވަކިން ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ 7 އެޕްރީލް، އިރުއޮއްސި 6 ހާއިރު އެވެ. އެ މައުލޫމާތާ ގުޅިގެން އެ ގޭގެ ދޮރުވައްޓާލައިގެން ފުލުހުން ވަދެ ބެލިއިރު، ނައީމާ އޮތީ ބޮޑެތި ޒަހަމުތަކަކާ އެކު މަރާލާފައެވެ. އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައެވެ.

މި މައްސަލާގައި ފުލުހުންގެ ތަހުގީގަށް ކުރިއެރުމެއް ލިބި، ފުރަތަމަ މީހަކު ހައްޔަރުކޮށްފައިވަނީ އޭގެ އެއް މަސް ފަހުން، މިދިޔަ 26 މޭ ގައެވެ. އޭގެ ފަހުން މި މައްސަލައިގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެންމެ ފުރަތަމަ ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި މަނަދޫން 23 އަހަރުގެ އަހްޒަމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ދެން ހައްޔަރު ކުރި ދެމީހުން ހައްޔަރު ކުރީ އަހުޒަމްގެ ބައިވެރިންކަމަށް އޭނާ ބުނުމުންނެވެ. މަނަދޫން ހައްޔަރުކުރި 21 އަހަރުގެ އަބްދުލްވާހިދު ރިފާސް ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ މާލެއިން ހައްޔަރުކުރި ހަސަން ފަވާޒް، ބަންދަށް އެންމެ ފަހުން ޖަހާފައިވަނީ 30 ދުވަހެވެ.

ނައީމާގެ މަރާ ގުޅިގެން ފުލުހުން ކުރާ ތަހުގީގަށް ކުރިއެރުންތަކެއް ލިބި، ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި އަހްޒަމްގެ ކިބައިން ލިބުނު މައުލޫމާތުންނެވެ.

އަދި ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ ދެ މީހުން އެ ރޭ ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު ވެސް ފުލުހުން ހޯދިއެވެ. ފުލުހުން ބުނީ އެ އަންނައުނުތައް ހޯދީ، ވަޅުގަނޑެއްގެ ތެރޭގައި އަންދާލުމަށް ފަހު ފަސް އަޅައި ފޮރުވާފައި ހުއްޓާ ކަމަށެވެ.