އަލަށް ހެދި ދަނޑުވެރިކަމާބެހޭ ގާނޫނަށް އަމަލުކުރުން ފަސްކުރަން އިންޑިއާގެ ސުޕްރީމް ކޯޓުން ސަރުކާރަށް އަމުރުކޮށްފިއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގެ އަމުރު މިއައީ، އަލަށްހެދި ދަނޑުވެރިކަމުގެ ގާނޫނުގެ މައްސަލާގައި އިންޑިއާގެ ދަނޑުވެރިން މުޒާހަރާ ކުރަމުންދާ އެތައްދުވަހެއް ވީ ވަހުންނެވެ.

ދަނޑުވެރިން ވެރިރަށް ނިއުދިއްލީގެ ރަށްބޭރުގެ މައިދާނެގައި ކޭމްޕް ޖަހައިގެން ތިބޭތާ މަހަކަށްވުރެ ގިނަދުވަސް ވެއްޖެވެ. އަދި މައްސަލަ ހައްލުކުރަން އިންޑިއާ ސަރުކާރާއި ދަނޑުވެރިންނާ ދެމެދު ބޭއްވުނު އެތައް ބުރެއްގެ ވާހަކަތައްވެސް ވަނީ ނާކާމިޔާބުވެފައެވެ.

ވާހަކަތައް ނާކާމިޔާބުވީ، އިންޑިއާ ސަރުކާރުން ދަނޑުވެރިންނަށް ދޫދޭން ދެކޮޅުހަދަމުންދާތީއެވެ.

ދަނޑުވެރިން ބުނަމުންދަނީ، ގާނޫނަށް ގެނައި އިސްލާހްގެ ސަބަބުން ފައިދާ ކުރަނީ ދަނޑުވެރިން އުފައްދާ ތަކެތި ގަންނަ އަމިއްލަ ބޮޑެތި ކުންފުނިތަކަށް ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ ގާނޫނަށް ބަދަލުގެނައީ ދަނޑުވެރިކަން ޒަމާނީކޮށް، ދަނޑުވެރިންނަށް މަންފާ އިތުރުކުރުމަށް ކަމަށެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޝަރަދް ބޮބްޅޭ ވިދާޅުވީ، ދަނޑުވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށްޓަކައި ސުޕްރީމް ކޯޓުން ޚާއްސަ ކޮމިޓީއެއް އުފައްދާނެ ކަމަށެވެ.

ކޮމިޓީން ދަނޑުވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، ރިޕޯޓް ހުށަހެޅުމުން އެ ރިޕޯޓާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް ސަރުކާރުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މިއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އިންޑިއާގެ ޕާލަމެންޓުން ފާސްކުރި ގާނޫނެކެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސުޕްރީމް ކޯޓުން ދަނޑުވެރިން ހިމާޔަތްކުރާނެ ކަމަށެވެ.