ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ އާއި ގޯތި ހަވާލުކުރުން މިއަދު ހަވީރު ވަނީ ފަށާފައެވެ. ގޯތި ލިބުނު ފަރާތްތަކުން ބުނީ މިއީ ވަރަށްވެސް އުފާވެރި، އަދި ދުވަހަކުވެސް ވެދާނެކަމަށް ހިތަށްވެސް ނާރާ ކަމެއްކަމަށެވެ.

ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރިއަށް ދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ.

މިއަދު އެންމެ ފުރަތަމަ ގޯތިތައް ދީފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ، ވިނަރެސް ފްލެޓްތަކުގެ ބިތްދޮށުގައި އޮންނަ ހުސް ބިމުންނެވެ. އެއީ 1،200 އަކަފޫޓުގެ 13 ގޯއްޗެވެ.

ރަޖިސްޓްރީ ހަވާލުކުރަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ރަޖިސްޓްރީ ދޫކުރަން ހަމަޖެހިފައި ވަނީ ގްރޫޕުތަކަށް ބަހައިގެން ކަމަށެވެ.

ސަރުކާރުން ގޯތި ނުދޭނެކަމަށް ބުނެ ފަތުރަމުން ދިޔަ އަޑުތަަކަކީ ހަގީގަތެއް ނޫންކަން މިހާރު އެނގޭނެ ކަމަށް ގޯތި ލިބުނު އާއްމުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އަކްރަމް ވަނީ ވިދާޅުވެފައެވެ. އަދި ގޯތިތައް ދީ ނިމެންދެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ގޯތި ލިބިފައިވާ އެންމެންނަށް ގޯތި ދީ ނިމެންދެން ކޮންމެ ދުވަހަކު ވެސް ރަޖިސްޓްރީ ދޫކުރުން އޮންނާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

"ގުޅިފަޅާއި ގިރާވަރު ފަޅުން ވެސް ގޯތި ކެންޑެމުން ދާނެ. ރަޖިސްޓްރީ ވެސް ހަވާލު ކުރެވެމުން ދާނެ. މި ރަޖިސްޓްރީއަކީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއެއް، މިއަކަށް އިތުރު ސުވާލެއް ނުއުފެދޭނެ. އަޅުގަނޑުމެން މި ރަޖިސްޓްރީ ކޮށްދެމުން މި ދަނީ އެގްރިމެންޓާ އެެއްގޮތަށް. މޮޓޮރައިޒްކޮށްދެއްވަނީ ގާނޫނީ ވަކީލުން،"
އަކްރަމް ކަމާލުއްދީނު

އެންމެ ފުރަތަމަ ގޯތީގެ އިން ވަކިކޮށް ހަވާލުކޮށްފައިވަނީ 20793، މުހައްމަދު ވިޝާލް ބުނީ މި ދުވަސް އަންނާނެ ކަމަށް އުންމީދުވެސް ނުކުރާކަމަށާއި އަދި ކުރިއަށް އޮތްތަނުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެދޭކަމަށެވެ. ގޯތި ލިބުނު އެހެން އާއްމުންވެސް ވަނީ އެ މީހުން ތިބީ ވަރަށް އުފަލުން ކަމަށް ބުނެފައެވެ. އެފަރާތްތަކުން ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކޮށްދެއްވިކަމަށްޓަކައި ރައީސް ސާލިހަށް ޝުކުރުވެސް ދަންނަވާފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަވީ 19639 މީހުންނަށް ގޯތި ލިބުނެއެވެ. އެއީ 9000އަށްވުރެ ގިނަ ބިމެވެ.