ތިނަދޫގައި ރައީސް ޔާމީން ޤާއިމް ކުރައްވާފައިވާ އިސްލާމީ މަރުކަޒަކީ މުޅި ހުވަދު އަތޮޅަށް އިސްލާމީ ތައުލީމު ފަތުރާ އިސްލާމިކް ޔުނިވާސިޓީއަކަށް ވެގެންދާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ މިރޭ ތިނަދޫގައި ބޭއްވި ޑރ.މުއިއްޒުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ.ޝަހީމް އިތުރަށް ވިދާޅުވީ ތިނަދޫއަށް މިއަދު ދިއުމުން ރައީސް ޔާމީން ގާއިމްކުރި އިސްލާމީ މަރުކަޒު، ޕީޕީއެމްގެ ވެރިކަން އަލުން އިޔާދަވުމަށް އެދެމުންދާކަމުގެ އިހުސާސް ކުރެވުނުކަމަށެވެ.
އަދި ރައީސް ޔާމީންގެ ޒަޢާމަތުގައި ތިނަދޫގައި އިސްލާމީ މަރުކަޒު ގާއިމްކުރީ ހުވަދު އަތޮޅުގެ އިސްލާމީ މައި މަރުކަޒަކަށް އެތަން ހަދައި އިސްލާމީ ޔުނިވާސިޓީގެ މައިމަރުކަޒަށް އެތަން ހެދުމުގެ މަތިވެރި މަގުސަދުގައި ކަމަށާއި ނަމަވެސް މިސަރުކާރުން ވެރިކަމާއި ހަވާލުވެ މިވީ ފަސް އަހަރުގައި އެތަނުގައި ކުލަކޮޅެެއްވެސް ނުލާ ވާނެ ގޮތެއްވާން ދޫކޮށްލާފައިވާކަމަށާއި އަދި މިއީ މިފަދަ މަތިވެރި ބިނާއަކަށް ވަމުންދާ ބޮޑު އިހުމާލެއްކަމަށް ކުރީގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަށް ހުންނެވި ޝަހީމް ވިދާޅުވިއެވެ.
އަދި މި އިމާރާތަކީ އެތައް މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އިމާރާތަކަށްވާއިރު އެތަނުގެ ބޭނުމެއް ނުކުރެވޭ ކަމީ ހިތާމަހުރި ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ތިނަދޫގެ ތަރައްގީއަށް ރައީސް ޔާމީން ކޮށްދެއްވި ހިދުމަތްތަކީ ކޮންމެ ދިމާލަކުންވެސް ފެންނަންހުރި ހިދުމަތްތަކެއްކަމަށާއި ތިނަދޫއަށް އެކަނި ރައީސް ޔާމީންގެ ވެރިކަމުގައި އެއް ބިލިޔަން ރުފިޔާ ހޭދަ ކުރައްވައި ތަރައްޤީގެ އާ ޒަމާނެއް ގެނެސް ދެއްވިކަމަށް ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ހުވަދު އަތޮޅުން ފެނިގެންދަނީ ރައީސް ޔާމީންގެ ތަރައްގީ އަލުން އިޔާދަވުމަށް އެދޭ މަންޒަރުކަމަށާއި މިއިންތިހާބު އެއްބުރުން ކާމިޔާބުކޮށް ޑރ.މުއިއްޒު އެކަން ހާސިލް ކޮށްދެެއްވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.