ގދ. ތިނަދޫގެ ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާ އެމްޑީޕީގެ އެންމެ ވަރުގަދަ ދެ ޒުވާނުން އެމްޑީޕީ ދޫކޮށް ޕީޕީއެމްއާއި ގުޅިއްޖެއެވެ.
މިރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި މިދެޒުވާނުން އެމްޑީޕީއާއި ގުޅި ފޯމު ހަވާލު ކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުއާއި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އާއިއެވެ.
އެ ދެ ޒުވާނުންނަކީ ކުރީގެ ތިނަދޫ ކައުންސިލް ރައީސް ޢަލީ އަމްޖަދާއި، ކުރީގެ ތިނަދޫ ކައުންސިލް ނައިބް ރައީސް އިބްރާހިމް ރިޔާޒުއެވެ. މިދެބޭފުޅުންކީވެސް އެމްޑީޕީގައި އެންމެ ގިނަ ދުވަސް ވަންދެން ހަރަކާތްތެރިވި ދެ ޒުވާނުންނެވެ.
މީގެއިތުރުން މިދެޒުވާނުން ވަނީ ޕީޕީއެމްއަށް ސޮއިކޮށް ޑރ.މުއިއްޒުއަށް ތާއީދުކުރީ މިސަރުކާރުން ހާއްސަކޮށް އެމްޑީޕީން ވައުދުވި އެއްވެސް ކަމެއް ތިނަދޫއަށް ނުވެ ތިނަދޫ ރައްޔިތުންނަށް އެމްޑީޕީން ބޭވަފާވެފައި ވާތީކަމަށް ބުނެފައެވެ. އަދި މިހާތަނަށްވެސް އެމްޑީޕީން ތިނަދޫއަށް ކޮށްދިން ހާވެސް ކަމަކީ އޮޅުވާލުމާއި މަކަރުވެރިކަމުގެ ތެރޭން ކަންކަން ކުރުން ކަމަށްވެސް މި ދެޒުވާނުން ބުނެފައިވެއެވެ.
އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތިނަދޫން ޑރ.މުއިއްޒުއަށް ސާފު މެޖޯރިޓީ ނަގާނެކަަމަށާއި އަދި މިހާރު ތިނަދޫގެ ރައްޔިތުން ތިބި ރޫހަށް ބަލާއިރު ތިނަދޫއިން 70 އިންސައްތަ ޑރ.މުއިއްޒަށް ލިބުމަކީ ފަސޭހަ ކަމެއްކަމަށް މިދެ ޒުވާނުން ވަނީ ވަރަށް ޔަގީން ކަމާއެކު ބުނެފައެވެ.