ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދުކޮށް ޕީޕީއެމަށް ސޮއިކޮށްފިއެވެ.

ޕީޕީއެމާ ދުރުގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށްފަހު އަލުން ޕީޕީއެމަށް ސޮއިކުރައްވައި ސައުދު ފޯމް ހަވާލު ކުރެއްވީ ޑރ. މުއިއްޒާއި ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމާއިއެވެ. ސައުދަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ދެކޮޅަށް ނިކުންނެވި ބާރަ މެމްބަރުންގެ ތެރެއިން މެންބަރެކެވެ.

މުއިއްޒުގެ ކެމްޕޭނަށް މިދިޔަ ހަފްތާގައި ތިނަދޫއަށް ވަޑައިގަންނަވާފައިވާއިރު ސައުދަކީ ތިނަދޫގެ ގިނަ ބައެއްގެ އިހްތިރާމް ލިބިވަޑައިގެންފައިވާ ރައްޔިތުންގެ ތާއީދުވެސް އޮތް ބޭފުޅެކެވެ.

ސައުދު ޕީޕީއެމްގެ މިހަރަކާތާ ގުޅިވަޑައިގަތުމުން ތިނަދޫއިން ޑރ. މުއިއްޒަށް މެޖޯރިޓީ ލިބުމަށްފަސޭހަތަކެއް ވެގެންދާނެ ކަމަށް ބެލެވެއެވެ.