މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓީޓީ އަންހެން ޓީމުން މޮރިޝަސް 3-1 ސެޓުން ބަލިކޮށް ރަން މެޑަލް ދިފާއު ކޮށްފިއެވެ.

ރާއްޖެއަށް ރަންމެޑަލް ހޯދައި ދިނުމުގައި މިފަހަރުވެސް ތަރިންނަށް ވެގެންދިޔައީ 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އައިލެންޑް ގޭމްސްއިންވެސް ރާއްޖެއަށް ރަންމެޑަލް ހޯދައިދިން ދެތަރިން ކަމުގައިވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާއެވެ.

ފައިނަލުގައި މޮރިޝަސްއާ ދެކޮޅަށް ފުރަތަމަ ކުޅެން ނިކުތީ ރަފާއެވެ. މިމެޗް ރަފާ ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ރަފާ ސެޓުތައް ގެންދިޔައީ 11-8، 12-10 އަދި 11-6 އިންނެވެ. ދެވަނައަށް ކުޅެން ނިކުތީ ދީމާ ސެޓުތައް ގެންދިޔައީ 11-6، 11-9 އަދި 11-2 އިންނެވެ. މިމެޗުގެ ފުރަތަމަ ސެޓް މޮރިޝަސްގެ ކުޅުންތެރިޔާ ހޯދީ 6-11 އިންނެވެ. މިއީ މިމުބާރާތުގައި މިފަހަރު ދީމާ އަތުން ސެޓެއް ގެއްލުނު ފުރަތަމަ ފަހަރެވެ. ރާއްޖެއިން ތިންވަނައަށް ކުޅެން ނިކުތީ ލައިޝާ ފަތުހުﷲ އިސްމާއިލްއެވެ. ރާއްޖެއަށް މެޗް ނިންމާ ނުލެވި މޮރިޝަސްގެ ކިނޫ އަތުން ލައިޝާ ބަލިވީ 3-1 އިންނެވެ.

ރާއްޖޭ ޓީމުގެ ރަފާ ގޭމް ކާމިޔާބް ކުރުމަށްފަހު. ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

ރާއްޖޭގެ ކޮޅަށް މެޗް އަނބުރާލައި ރަންމެޑަލް ދިފާއު ކުރީ ހަތަރުވަނަ ގޭމުގައި ދީމާ ކުޅެން ނިކުމެ މޮރިޝަސްގެ ޖަލިމްއަށް އެއްވެސް ފުރުސަތެއް ނުދީ ސީދާ 3 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. ދީމާ ސެޓްތައް ހޯދީ 11-5، 11-4 އަދި 11-8 އިންނެވެ.

ރާއްޖޭގެ އަންހެން ޓީމުން ރަންމެޑަލް ހޯދިއިރު، ފިރިހެން ޓީމު ފައިނަލުގައި ރޭ 3-2 ސެޓުން މަޑަގަސްކަރަ އަތުން ބަލިވުމުން މުބާރާތް ނިންމާލަން ޖެހުނީ ރިހި މެޑަލަކުންނެވެ.