ގައުމީ ޓީމަކާ ހަވާލުވި އެންމެ މުސާރަ ބޮޑު ކޯޗުގެ ގޮތުގައި ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިޓަލީ ގައުމީ ޓީމުގެ ކުރީގެ ކޯޗް ރޮބާޓޯ މަންޗީނީ ސައުދީ އަރަބިއްޔާ ގައުމީ ޓީމާ ހަވާލުވެއްޖެއެވެ.

ސައުދީ ގައުމީ ޓީމާ މަންޗީނީ ހަވާލުވީ އަހަރަކަށް 27 މިލިޔަން ޑޮލަރުގެ މުސާރައަކަށެވެ. އަދި މިއަދުގެ ވަގުތެއްގައި މަންޗީނީ ސައުދީއަށް ދާނެ ކަމަށް މަޝްހޫރު ކުޅިވަރު ޗެނަލް "ސްކައި ސްޕޯޓްސް" އިން ބުނެއެވެ.

ސައުދީ ގައުމީ ޓީމާ ހަވާލުވުމަށްފަހު މަންޗިނީ ބުނީ ޔޫރަޕުގައި ގިނަ ރެކޯޑްތަކެއް ހެދިއްޖެ ކަމަށާއި ދެން އޮތީ ސައުދީ ގައުމީ ޓީމާއެކު ރެކޯޑްތަކެއް ހެދުމަށް މަސައްކަތް ކުރުން ކަމަށެވެ. "ޔޫރަޕުގައި އަހަންނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދިއްޖެ. ސައުދީ ގައުމީ ޓީމުން މިލިބުނު ފުރުސަތަކީ ދޫކޮށްލެވޭ ވަރުގެ ފުރުސަތެއް ނޫން. އޭޝިޔާގައި ދަނީ ފުޓްބޯޅައިގެ ފޯރިގަދަވެ ފުޓްބޯޅަ ކުރިއަރަމުން. އަނެއްކޮޅުން ސައުދީ ލީގުގައި ދުނިޔޭގެ މަޝްހޫރު ތަރިން ކުޅެމުން އެދަނީ. މީގެ ސަބަބުން ސައުދީ ކުޅުންތެރިންނަށް ކުރިއެރުންތަކެއް ލިބޭނެ. އަހަރެން މިހުރީ ސައުދީއާއެކު ކުރިއަށް ދިޔުމަށް ކެތްމަދުވެފައި" މަންޗީނީ ބުންޏެވެ.

ސައުދީ ގައުމީ ޓީމާ މަންޗީނީ ހަވާލުވެފައި މިވަނީ މިމަހުގެ ކުރީކޮޅު އިޓަލީ ގައުމީ ޓީމުން އިސްތިއުފާ ދިނުމަށްފަހުއެވެ. 2020 ވަނަ އަހަރުގެ ޔޫރޯ އިޓަލީއަށް ކާމިޔާބު ކޮށްދިން މަންޗީނީ ގައުމީ ޓީމުން އިސްތިއުފާ ދިނުން ވެގެންދިޔައީ އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ލިބުނު ކުއްލި ސިހުމަކަށެވެ.

އިޓަލީ ގައުމީ ޓީމާއެކު ޖެހިޖެހިގެން 37 މެޗް ބަލިނުވެ މަންޗީނީ ހިފެހެއްޓިއެވެ. އެއީ ދުނިޔޭގެ ރެކޯޑެކެވެ. މީގެ އިތުރުން މެންޗެސްޓަރ ސިޓީއަށް ޕްރިމިއަރ ލީގުގެ ތައްޓެއް ކާމިޔާބު ކޮށްދިނީވެސް މަންޗީނީކަން ފާހަގަ ކޮށްލެވެއެވެ.