ގއ.ވިލިނގިއްޔާ ކޫއްޑޫ ބްރިޖަކުން ގުޅާލާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެރަށް ޒިޔާރަތްކޮށްލުމުން ފެނިގެންދަނީ އެއްވެސް ތަރައްގީއެއް އައިސްފައި ނުވާ މަންޒަރު ކަމަށެވެ. އަދި ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާކޮށްދެއްވާނެ ކަމަށާއި އޭގެ ސަބަބުން ވިލިނގިލީގެ އިގްތިސާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ގަބޫލުކުރާކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ލިނގިލީގެ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ކޫއްޑޫއަށް ޖައްސާ ފްލައިޓުގެ އަދަދު އިތުރުކޮށްދެއްވައި ވައިގެ ދަތުރުގެ އަގުތަކުން 20 އިންސައްތަ ކުޑަކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޫއްޑޫ ފިޝަރީސް ކޮންޕްލެކްސްއަށް ގެންނާނެ ބައެއް ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ އެރަށުގެ ކޯލްޑް ސްޓޯރޭޖު 10،000 ޓަނަށް އިތުރުކޮށްދީ، ދަޅުގައި މަސް ބަންދުކުރާ ފެކްޓްރީއެއް ގާއިމު ކޮށްދެއްވާނެކަމަށާއި، އަދި ކޫއްޑޫ ބަނދަރަށް އެއްފަހަރާ 1500 ޓަނުގެ މަސް ކިރޭނެ ގޮތަށް ތަރައްގީ ކުރައްވާނެ ކަމަށެވެ.

ނާޒިމް ވަނީ މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް އަޅާނުލާ ދޫކޮށްލާފައިވާކަމަށާއި މަސްވެރިކަމަށް ނިކުންނަން ބޭނުންވާ ކުދިންވެސް ސަރުކާރު ކުންފުނިތަކުގައި ތާށިކޮށް "ކަސްތޮޅު" އަޅުވާފައިކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ނާޒިމް ފާޑު ވިދާޅުވިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ވިލިނގިލީގައި އެރަށުގެ އެމްއެންޕީ ޖަގަހަ ހުޅުއްވައިދެއްވާފައެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން: ފޮޓޯ/ނާޒިމް ޓުވީޓު

ގއ. ވިލިނގިއްޔާއި ކޫއްޑޫއާދެމެދު ބްރިޖެއް އެޅުމަށް 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު، މި އަހަރުގެ ކުރީކޮޅު އެމްޓީސީސީ އާ އެ މަޝްރޫއު ހަވާލުކުރެވިފައިވެއެވެ.