އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތ.ކިނބިދޫ ފެނަކަ އައު އޮފީސް އިމާރާތް އިއްޔެގައި ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ސާލިހު ކިނބިދޫ ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެރަށް ކުރެއްވި ޒިޔާރާތުގައެވެ.

ކިނބިދޫ ކުރީގެ އިންޖީނުގެއަކީ 34 އަހަރުވެފައިވާ އޮފީސް އިމާރާތެއް އިން ތަނެކެވެ. އަދި އެތަނަކީ ކުރިން ހަމައެކަނި ސްޓޯރާއި ފާހާނާ އަދި ސްޓާފް އޭރިއާއެއް ހިމެނޭ އިމާރާތެކެވެ. އަލަށް ހުޅުވި އޮފީސް އިމާރާތަކީ ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، މީޓިން ރޫމް، ގެސްޓްރޫމް، ޕޭންޓްރީ، ސްޓޯރް، ފާހާނާ އަދި ޓެކްނިކަލް ރޫމް ހިމެނޭހެން ހަދާފައިވާ ތަނެކެވެ.

ކިނބިދޫ ބައު އިންޖީނުގެ:ފޮޓޯ/ފެނަކަ މީޑިއާ

މީގެއިތުރުން މިދަތުރުފުޅުގައި ރައީސް ވަނީ އެރަށު ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުންވެސް ފާހަގަކޮށް ދެއްވައިފައެވެ.