ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް މެމްބަރުން ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.
ނުވަގަޑި ސުން މިނެޓުގައި ޖަލްސާ ފައްޓަން ތައްޔާރުވެ ވަޑައިގެން، ރިޔާސަތަށް ވަޑައިގެންނެވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ޖަލްސާ ކުރިއަށް ގެންދެވެނީ، ޖަލްސާ ފަށާއިރު ބާވީސް މެންބަރުން ހާޒިރުވެވަޑައިގެންނެވުމުން ކަަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވަނިކޮށް، ޖަލްސާގެ ކޯރަމް ހަމަނުގެން ކޯރަމް ރަނގަބީލު ޖަހައި، އެ ވަގުތު ހަމަވިއިރުވެސް މެންބަރުން ހާޒިރު ނުވުމުގެ ސަބަބުން ޖަލްސާ ނިންމަވައިލެއްވީ ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެންޑާ ކޮށްފައި ވަނީ، މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އަދި އަންގާރަ ދުވަހު އޮތް ދެވަނަ ޖަލްސާއަށް ވެސް އެޖެންޑާ ކޮށްފައި އޮތް މައްސަލައެވެ. އެއީ "ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ" ގުޅޭ މައްސަލައެވެ.
އަންގާރަ ދުވަހުގެ ޖަލްސާ ނިމައިލީ އެ މައްސަލައަށް ވާހަކަ ދައްކަވާނެ މެމްބަރަކު ނެތިގެންނެވެ. އެއަށްފަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. އަނެއްކާވެސް މިއަދުގެ ޖަލްސާއަށް، ހަމަ އެ މައްސަލަ އޮތީ އެޖެންޑާ ކޮށްފައެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނެނީ، މަޖިލީހުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން ތަމްސީލު ކުރާ ނިސްބަތުންނެވެ.
ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހުނީ އެމްޑީޕީ ދެބައިވެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި އެ ޕާޓީގައި ތިބި މަޖިލިސް މެންބަރުންތަކެއް ޕާޓީން ވަކި ވުމާ ގުޅިގެންނެވެ. 23 ޖޫން ގައި މަޖިލިސް ދެވަނަ ދައުރުގެ ޗުއްޓީއަށް ދިޔައީ، އެ ކަމާ ގުޅިގެން ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހޭ މައްސަލަ ނުނިންމައެވެ.