އައްޑޫ ސިޓީ ހިތަދޫ ކަނބިހާ ބީޗު ތަރައްގީ ކުރަމުންދަނީ އެރަށަށް ބަލާއިރު އެންމެ ރީތި ދޮންވެލިގަނޑު އޮންނަ ސަރަޙައްދުގައެވެ. އެރަށު މީހުން އެ ސަރަޙައްދަށް ކިޔައި އުޅެނީ ކަނބިހާ ސަރަހައްދެވެ. ބީޗަށް ނަން ދީފައިވަނީ އެނަމުންނެވެ.
ކަނބިހާ
އެ ސަރަޙައްދަށް "ކަނބިހާ" ކިޔުނީ ކީއްވެ ކަމެއް އެނގިފައެއް ނެތެވެ. އޭގެ މަނާއެއް ވެސް އެނގިފައެއް ނުވެއެވެ. ބަސް ފޮތުން އެ ލަފްޒު ފެންނާން ނެތެވެ. ކަނބިހާ ސަރަޙައްދުގައި ވަޅަކާއި ޒިޔާރަތެއް ހުރިކަމަށް ވެއެވެ. އެތަންތަނަށް ކިޔަނީ ކަނބިހާ ވަޅު އަދި ކަނބިހާ ޒިޔާރަތެވެ. އެހެންނަމަވެސް އެތަންތަނާ ބެހޭ އެއްވެސް އިތުރު މަޢުލޫމާތެއް އެނގިފައެއް ނުވެއެވެ.
ކަނބިހާ ބީޗުގައި ކުރިންހުރި ވަޅުގެ ބަދަލުގައި މިހާރުވަނީ އައު ވަޅެއް ބަހައްޓައިފައެވެ. އަލަށް ބެހެއްޓި ވަޅަށް ވެސް ދީފައިވާ ނަމަކީ ކަނބިހާ ވަޅެވެ. އިހު ޒަމާނުގައި އެތަނުގައި ހުރި ކަމަށް ބުނާ ތަންތަނުގެ ބަދަލުގައި ރަމްޒީ ތަންތަން ހެދުމަށް ބީޗު ތަރައްޤީކުރާ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ކަނބިހާ ބީޗުގެ ފެށުން
ކަނބިހާ ބީޗު ތަރައްގީ ކުރުމުގެ ވިސްނުމަކީ 2018 ވަނަ އަހަރު އުފަންވެގެން އައި ވިސްނުމެކެވެ. އެވިސްނުން އުފެދިގެން އައީ ހިތަދޫގެ ބައެއް ޒުވާނުންގެ ތެރޭގައެވެ. އެ ވިސްނުމާ އެއްގޮތަށް އެތަނުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2019 ވަނަ އަހަރު އޮގަސްޓްމަހުގައެވެ. އެއަށްފަހު އެތަނުގައިހުރި ވިނަތަކާއި ގަސްތައް ކޮށައި ރަސްމީކޮށް އެ މަސައްކަތް ފަށައިފައިވަނީ ހުސްވި 2020 ވަނަ އަހަރުއެވެ.
"ކަނބިހާ ބީޗު ތަރައްޤީ ކުރުމުގެ ވިސްނުމަކީ އައްޑޫ ފްރެންޑްސް ޖަމިއްޔާގެ ވިސްނުމެއް. ނަމަވެސް ދެހާސް ވިހިވަނަ އަހަރު ފޭސް ދޭއް ފެށީ އައްޑޫ ފްރެންޑްސްއާއި ހިތަދޫ ހަ މެމްބަރު ހިމެނޭ އަންހެން ޓީމަކާއެކީ. މިދެންނެވި އަންހެން ޓީމުގެ ލީޑަރަކަށް ހުރީ ހިތަދޫ މެދުދާއިރޭގެ ކައުންސިލް މެމްބަރ ޖަމްޝީދާ މުޙައްމަދު،" މި މަސައްކަތުގައި އިސްވެ ޙަރަކާތްތެރިވާ މީހަކު ބުންޏެވެ.
ކޮވިޑާއި ކަނބިހާ ބީޗު
ކަނބިހާ ބީޗުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ 2020 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އެދުވަސްވަރަކީ ރާއްޖެއަށް ކޮވިޑް އާންމުވެ މީހުންގެ ހިތްތަކުގައި އެކަމުގެ ބިރުވެރިކަމާއި ހާސްކަން ވަރަށް ބޮޑަށް އޮތް ދުވަސްވަރެކެވެ. އެދުވަސްވަރު ވެގެންދިޔައީ އައްޑޫ ސިޓީ ގުޅިފައިވާ ރަށްރަށުގައި ވެސް މިފަދަ ބީޗުތައް ތަރައްޤީ ކުރަމުން އައި ދުވަސްވަރަކަށެވެ. ކަނބިހާ ބީޗު ވެގެން ގޮސްފައިވަނީ ކޮވިޑް-19 ގެ ބިރުވެރިކަން ސިކުނޑީން ނެރެލައި ހިތްތަކަށް ހަމަޖެހުން ހޯދަން ރައްޔިތުންނަށް ލިބުނު މައިޒާނަކަށެވެ.
ހިތްހަމަ ޖައްސާލުމަށް އެއްވަނަ
މިއީ އައްޑޫ ރައްޔިތުން އުފާކޮށްލަން އެންމެ ގިނައިން ޒިޔާރަތް ކުރާ އެއް ބީޗު ނުވަތަ މައިޒާނެވެ. އޭގެ އިތުރުން އައްޑުއަށް ޒިޔާރަތްކުރާ އަވަށްޓެރި ރަށްރަށުގެ މީހުންވެސް ކަނބިހާ ބީޗަށް ގޮސް ހަދައެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި ކުދިބޮޑު އެތައް ބަޔަކު އެ ބީޗަށް ޒިޔާރަތް ކުރެއެވެ. އަދި ޢާއިލާތަކާއި ރައްޓެހި ރަޙުމަތްތެރިން ވެސް އެތަނަށް ޒިޔާރަތް ކުރެއެވެ. އެހެން ކަމުން ކަނބިހާ ބީޗު ތަރައްގީކޮށް ނުނިމުނަސް އެތަން ވަނީ ފައްކާ މައިޒާނަކަށް ބަދަލުވެފައެވެ. އެތަނުގައި އޮންނަ ދޮންވެލިގަނޑުގެ ހިތްގާއިމު ކަމުންނެވެ. އިށީންނަށް ހަދާފައި ހުންނަ އަށިތަކާއި ޖޯލިފަތި ތަކުގެ އަރާމު ކަމުންނެވެ. ކުޑަކުދިންނަށްޓަކައި ހަދާފައިވާ ޓްރީހައުސްގެ ހިތްގައިމު ކަމުންނެވެ. އުނދޯލިތަކުން ލިބިދޭ ހިތްހަމަޖެހުމެއްގެ ބޮޑު ކަމުންނެވެ.
މީހުންގެ ޢަދަދު އިތުރު
ކަނބިހާ ބީޗު ތަރައްޤީ ކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ މީހުން ބުނީ އެތަން ތަރައްގީކޮށް ނުނިމުނަސް އެތަނަށް އަންނަ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. ބީޗު ހަދަން ފެށިއިރު ކިތަންމެ މަދު ބަޔަކު އަޔަސް މިހާރު އެކަން ވަނީ ބަދަލުވެފައެވެ. "މިހާރު އެތައް ބަޔަކު އަންނަނީ ބީޗަށް ޒިޔާރަތް ކުރަމުން. އިޖުތިމާޢީ ރޫހުވަރުގަދަވެ ގުޅުން އަންނަނީ ބަދަހިވަމުން. އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ބޭނުމަކީ ރަށުގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރުން. އެއްބައެއްގެ ގޮތުގައި އުޅުމުގެ ފުރުސަތު ހޯދައިދިނުން. ކަނބިހާ ބީޗުން އުފާ ހޯދަން ކުދިބޮޑު ވަރަށްގިނަ މީހުން މިހާރު އަންނަނީ ކޮންމެ ދުވަހަކުވެސް ޖަމާވަމުން. އެންމެން އެގޮތަށް އައިސް ގުޅުން ބަދަހިވެ އިޖުތިމާޢީ ގުޅުން ހަރުދަނާވާކަން ފާހަގަ ކުރެވޭ. އެކަމަށްޓަކައި އުފާކުރަން،" އެ މަސައްކަތުގައި އިސްކޮށް އުޅޭ އެކަކު ބުންޏެވެ.
ގޮން ޖެހުން
ބީޗު ހެދުމުގެ މަސައްކަތް ކުރަނީ އަމިއްލަ ފަރާތްތަކުގެ އެހީތެރި ކަމާއެކުގައެވެ. ސިޓީ ކައުންސިލުގައި ކަމަކަށް އެދިއްޖެ ކަމަށްވާނަމަ އެކަމެއް އެތަނުން ކޮށްދެއްވައެވެ. އެ މަސައްކަތަށް އެހީވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ވަނީ އެފުރުސަތު ހުޅުވާލެވިފައެވެ. އެތަން ހެދުމަށްޓަކައި ވީހާ ވެސް ގިނަ މީހުންގެ އެހީތެރިކަން ބޭނުންވެއެވެ. އެކަމަށްޓަކައި އިސްނަގާނެ އިތުރު އަތްތަކެއް ބޭނުންވެއެވެ. މިހާރުވެސް އެތައްބަޔަކު ގެންދަނީ ޢަމަލީ ގޮތުން އެބައެއްގެ ފެންވަރުން އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. ޚާއްސަކޮށް ބީޓެކް ގުރޫޕުން ގެންދަނީ އެތަނަށް ވަރަށް ބޮޑަށް އެހީތެރިވަމުންނެވެ.
މި މަސައްކަތް ކުރަމުންދާއިރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޚަރަދުކުރާނެ ފައިސާ ނުލިބުމެވެ. އެހެން ކަމުން ހަދައި ނިންމާފައިވާ ތަންތަން އަލުން މަރާމާތު ކުރުމަށްވަނީ ދަތިވެފައެވެ. މިއީ ޙަގީގަތެވެ. މިހާރު ވެސް އެތަނުގެ އެތައް ކަމެއް މަރާމާތު ކުރަންޖެހިފައި އެބަހުއްޓެވެ. އެތަނަށް ޒިޔާރަތްކުރާ ކުދިންނަށްޓަކައި ވެސް އެތަން ތަރައްގީ ކުރުމުގެ މަސައްކަތުގައި އެހީތެރިވާން އެބަޖެހެއެވެ.
ކަނބިހާ ބީޗު ތަރައްގީ ކުރަމުންދާ ފަރާތުން ބުނަނީ މިއީ އެންމެންގެ ތަނެއް ކަމަށެވެ. ކުދިބޮޑު އެންމެހާ ދެ ޖިންސުގެ އެންމެނަށް ބޭނުން ކުރެވޭނެ ތަނެއް ކަމަށެވެ. އެހެން ކަމުން ވީހާ ވެސް ގިނަބަޔަކު މި މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމަކީ މުހިންމު ކަމެއް ކަމަށް އެތަން ތަރައްގީ ކުރުމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައެވެ.