އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓު ކަރުދާސް ޗާޕުކޮށް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ،

އީސީގެ ނައިބު ރައީސް، އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވޯޓު ކަރުސާތްތައް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު 2023 ގެ ވޯޓު ކަރުދާސް ޗެކްކޮށް ޕެކްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމި، އަތޮޅުތަކަށް ސެކިޔުރިޓީ ސާމާނު ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް މާދަމާ ފެށޭނެ ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ. މިގޮތުން، އުތުރުގެ އަތޮޅުތަކަށް މާދަމާ (2023 އޮގަސްޓު 29 ގައި) އަދި ދެކުނުގެ އަތޮޅުތަކަށް 30 އޮގަސްޓުގައި ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މިހާރު ޑިސްޕެޗް ކުރެވޭ ތަކެތި ހަވާލުކުރާނީ، ސިޓީ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާ އާ ކަމަށާއި ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާ ތަކެތީގެ ޑިސްޕެޗްގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި އަދި ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވަން ފަށާނީ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

"މިހާރު ޑިސްޕެޗް ކުރެވޭ ތަކެތި ހަވާލުކުރާނީ، ސިޓީ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާ އާ. ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާ ތަކެތީގެ ޑިސްޕެޗްގެ މަސައްކަތްތައް ކުރިއަށްދާނީ، 2023 ސެޕްޓެންބަރު 06 ވާ ބުދަދުވަހު،"
ހަބީބު

ހަބީބު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު، އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން، ޑިސްޕެޗް މަސައްކަތްތައް ކުރިއަށްދާ ގޮތަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އީސީއާއި ފުލުހުންނާ ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފަވެ.

"ވޯޓުލާ މަރުކަޒުތަކަށް ފޮނުވޭ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް، ދިވެހި ފުލުހުންގެ ހިދުމަތާއި، އިލެކްޝަންސް ކޮމިޝަނާ ދެމެދު ވަނީ ފަހުމުނާމާ އެއްގައި ސޮއިކޮށްފައި. އަދި އެކަން އެގޮތުގެމަތިން ކުރިޔަށް އެބަދޭ. ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި ފޯކަލް ޕޮއިންޓުންގެ ފަރާތުން ދެއްވާ އެއްބާރުލުން އީސީ އިން ފާހަގަ ކުރޭ،"
ހަބީބް

އަދި ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި ފޯކަލް ޕޮއިންޓުންގެ ފަރާތުން ދެއްވާ އެއްބާރުލުން އީސީ އިން ފާހަގަކުރައްވާކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ގާނޫނުއަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރައްވާ ފަހަރެވެ. މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ހަ ކެންޑިޑޭޓުންނެވެ. ނަމަވެސް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.

އީސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފަހަރުގެ އިންތިހާބަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި އަށް ފޮށި، ޖަލުތަކުގައި ފަސް ފޮށި އަދި ސިނާއީ ރަށްތަކުގައި ވޯޓު ފޮއްޓެކެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިހާބެވެ.