މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިޔަން އައިލެންޑް އޯޝަން ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމުން ރިހި މެޑަލް ހޯދިއިރު، ތްރީ އޮން ތްރީ ބާސްކެޓް އިވެންޓުގައި ވާދަކުރި އަންހެން އަދި ފިރިހެން ޓީމު ލޯ މެޑަލް މިރޭ ހޯދައިފިއެވެ.
ރާއްޖެއިން ތްރީ އޮން ތްރީ ބާސްކެޓް އިވެންޓުގެ އަންހެން ބައިން ލޯ މެޑަލް ހޯދީ ތިންވަނަ ހޮވި މެޗުގައި މަޔޯޓްއާ ވާދަކޮށް ވަރުގަދަ ކުޅުމަކަށްފަހު 19-15 އިން މެޗް ކާމިޔާބު ކޮށްގެންނެވެ. ވަރަށް ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގައި ރާއްޖެއިން މެޗުގެ ކޮންޓްރޯލް އަތުލީ މެޗުގެ ފަހު ކޮޅު ރާއްޖޭގެ ކައިލީން ހޯދައިދިން ޕޮއިންޓްތަކުންނެވެ.
ރާއްޖެއިން މުޅިން އަލަށް އައިއޯއައިޖީގައި ވާދަކުރަން ފެށި ތްރީ އޮން ތްރީ ބާސްކެޓް ޓީމުގައި ހިމެނުނީ އީހައު ޝަމީމް، އިފާ އާތިފް، ކައިލީން ޝިރްހާން އަދި ޒުހާ އަޝްރަފް އަލީ އެވެ.
ތްރީ އޮން ތްރީ ބާސްކެޓް އިވެންޓުގެ ފިރިހެން ކެޓަގަރީން ރާއްޖޭގެ ފިރިހެން ޓީމު ލޯ މެޑަލް ހޯދީ، ތިންވަނަ ހޮވި މެޗުގައި މޮރިޝަސްއާ ވާދަކޮށް 14-13 އިން މެޗް ކާމިޔާބު ކޮށްގެންނެވެ.
ތްރީ އޮން ތްރީ ބާސްކެޓް ޓީމުގައި ހިމެނުނީ އިސްމާއިލް ވިލްދާން، އަބްދުﷲ އަމްޒަރު، މުހައްމަދު ހުވައިލިދު (ހުވޭ) އަދި ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އެވެ. ތިންވަނަ ހޮވި މެޗުގައި ޒަކިއްޓެ އާއި ހުވޭގެ ކުޅުން ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔައެވެ.
މިފަހަރު އަންހެން ބެޓްމިންޓަން އިވެންޓް ކުރިއަށް ގެންދިޔައީ ލީގް އުސޫލުންނެވެ. ރާއްޖެ އަށް ރަން މެޑަލް ގެއްލުނީ މޮރިޝަސް އަތުން ރާއްޖެ 3-2 ސެޓުން ބަލިވުމުގެ ސަބަބުންނެވެ. މޮރިޝަސްއިން ރާއްޖެ ބަލި ކުރީ ރާއްޖެއިން މޮޅަށް ކުޅެމުން ދަނިކޮށް މައިސާ ފަތުހުﷲ (މައި) އަށް އަނިޔާވުމުން އޭގެ ފައިދާ ނަގައިގައިގެންނެވެ.
ރާއްޖެއިން ވަނީ މީގެ ކުރިން 2019 އަދި 2015 ވަނަ އަހަރު ބެޑްމިންޓަން ޓީމު އިވެންޓުން ލޯ މެޑަލް ހޯދާފައިކަން ފާހަގަ ކޮށްލެވެއެވެ.