ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވާދަވެރިންނަށް އެމްޑީޕީއާ އަރައި ހަމަކުރެވޭނީ ވޯޓުލައިނިމި، ނަތީޖާވެސް އިއުލާންކޮށް ނިމުމުން ކަމަށާއި ދެން އެ ބޭފުޅުންނަށް އޮތީ 2028ގެ އިންތިހާބަށް އިންތިޒާރު ކުރުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލ. ގަމަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެއް ބުރުން، ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުވާ މަންޒަރު މިހާރުވެސް ފެންނަ ކަމަށާއި އެމްޑީޕީން ކެމްޕޭން ގެންދަނީ ވަރަށް ފުރިހަމަ ކަމާއެކުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ކުރިއަށް ގެންދަނީ ވަރަށް "ކޫލް" ކެމްޕޭނެއް ކަމަށާއި އިދިކޮޅުން ޖަހާ ލަވަޔަކަށް ނުނަށާނެ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ. ފުރުސަތު ލިބުމުންވެސް ކަމެއް ކޮށްނުދެވި ތިބި، ފެއިލްވެފައި ތިބި ބަޔަކު ކިޔާ އެއްޗަކަށް އަޅާލާނެ ކަމެއްނެތް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުޅެނީ މާ ކުރީގައި. ކެމްޕޭންގައިވެސް ވާދަވެރިން އަޅުގަނޑުމެންނާ ހަމައަށް އަންނަން ހަތަރު ފަސް، ހަފުތާ ނަގާނެ. އޭރަށް އިންތިހާބު ނިމި، އޮންނާނީ ނަތީޖާ އިއުލާން ކޮށްފައި. ދެން އެ ބޭފުޅުން މަސައްކަތް ކުރަން ޖެހޭނީ 2028އަށް،"
ރައީސް ސާލިހު

ޖަލްސާގައި ރައީސްސާލިހު ގަމާ މެދު ގެންގުޅުއްވާ ތަސައްވަރާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގަމަށް 25،000 މީހުންގެ އާބާދީއެއް ގެނެސް، މި ރަށް އާބަން ސެންޓަރަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"މި ގަން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާނަން. އަމާޒަކީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި 25،000ގެ އާބާދީއަކަށް ބަދަލުކުރުން. އެވަރުގެ އާބާދީއެއް އުޅެން ނިންމާއިރުގައި ބޯހިޔާވަހިކަން އެއީ އެންމެ ބޮޑު ވިސްނުން. މަޖުބޫރުން ގެނައުމުގެ ވިސްނުމެއް ނެތް،"
ރައީސް ސާލިހު

25،000 މީހުންގެ އާބީދީއެއް ގެނައުމަށް މީހުން ހިޖުރަކުރާނެފަދަ ޝައުގުވެރި ކަންކަން ގެންނަން ޖެހޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލޭ ސިޓީއެކޭ އެއްގޮތަށް ހުރިހާ ކަމެއް ފުރިހަމަވީމާ މީހުން ދިރިއުޅެން އަންނާނެ ކަމަށެވެ. އެކަމަށް އަމާޒުކޮށް، މި ރަށުގައި 5،000 ހައުސިން ޔުނިޓު ހަދައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.