ކަނބާއައިސާ ރަނި ހިނގުމުގައި ހިންގި މަޝްރޫޢުގެ ސަބަބުން އެ މަގުގައި ދެން ފެންބޮޑުނުވާނެ ކަމުގައި ބުނެފައިވަނިކޮށް މުޅި މަގުގައި މިއަދު ފެންބޮޑުވުމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ފާޑުވިދާޅުވެއްޖެއެވެ.
ކަނބާއައިސާ ރަނި ހިނގުމަކީ މާލެ ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަން ގުޅިގެން ހިންގާ މާލެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ނިންމި މަގެކެވެ. އިއްޔެ މާލެ އަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވިއިރު ވެސް ކަނބާ އައިސަރަނި ހިނގުމުގައި ފެންބޮޑު ނުވާކަމަށް ބުނެ ސަރުކާރަށް ތާއިދުކުރާ ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ.
ނަމަވެސް މިއަދު އެމަގުގައި ފެންބޮޑުވެފައި އޮތް މަންޒަރު ފެންނަ ފޮޓޯތައް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.
މިކަމާ ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ ބޯކޮށް ވާރޭ ވެހުނަސް ފެންބޮޑުނުވާނެ ކަމަށް ވިދާޅުވި ކަނބާއާސާރަނި ހިނގުމުގެ ހާލަތަކީ މިއީތޯ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އަދި ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފްއާ ސުވާލު ކުރައްވާފައެވެ.
އެމަގުގައި ފެންބޮޑު ނުވާ ކަމަށް، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފްވެސް ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ ފެންބޮޑުވެފައިވާ ފޮޓޯތައް ހިއްސާކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.