މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓުން ރަން މެޑަލް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިން ރޭ ހޯދައިފިއެވެ.

ރަފާއާއި މުންސިފް ރޭ ރަން މެޑަލް ހޯދީ މިކްސް ޑަބަލްސް ފައިނަލުގައި މަޑަގަސްކަރައިގެ އެންމެ ވަރުގދަ ޕެއާ ކަމަށްވާ ނެޓިވަލް ޖޮނަތަންއާއި ޑިމްބިމްމިހަރަލަނިޓްރާ ހަރޭނާ 3-1 ސެޓުން ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު ފުރަތަމަ ސެޓު މަޑަގަސްކަރައން ގެންދިޔައީ 9-11 އިންނެވެ. މެޗުގެ ދެވަނަ ސެޓު ރަފާއާއި މުންސިފް 11-8 އިން ގެންދިޔަ އިރު، އެ ސެޓާއި ފޯމު ރަނގަޅުކޮށް، އަނެއް ދެ ސެޓު ގެންދިޔައީ 11-7 އަދި 11-5 އިންނެވެ. މީގެ ތެރެެއިން ދެވަނަ ސެޓުގައި މުންސިފް ކުޅުން ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔައެވެ.

މިއީ އައިއޯއަިޖީގެ ތާރިހުގައި ޓީޓީގެ މިކްސް ޑަބްލްސް އިވެންޓުން ރާއްޖެ ރަންމެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

މިއިވެންޓުން ލޯ މެޑަލް ހޯދީވެސް ރާއްޖެއިންނެވެ. އެއީ ރާއްޖޭގެ އެންމެ މަޝްހޫރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއިލްގެ ޕެެއާއެވެ. ދީމާ އާއި ޝައްފާން ސެމީގައި ބަލިވީ ރަފާ އާއި މުންސިފް އަތުންނެވެ.

ދީމާއާއި ޝައްފާން ބްރޯންޒް މެޑަލް ކަށަވަރު ކުރީ މަޑަގަސްކަރައިގެ ރަންޑްރިއަންޓޮއާންޑްރޯ މެހްފާއާއި ރަހަރިޖާނޯ ސަންޓަރިނިއައައިނާ ސީދާ ތިން ސެޓުން ބަލި ކޮށްގެންނެވެ. ރާއްޖެއިން ސެޓުތައް ގެންދިޔައީ 11-5، 11-8 އަދި 11-7 ގެ ނަތީޖާއަކުންނެވެ.

ރާއްޖެއިން މިފަހަރު އައިއޯއައިޖީގައި 4 މެޑަލްއާއެކު ޖުމްލަ 15 މެޑަލް ވަނީ ހޯދާފައެވެ.

އައިއޯއައިޖީގައި 7 ގައުމަކުން 17 ކުޅިވަރެއްގައި ދަނީ ވާދަ ކުރަމުންނެވެ. މުބާރާތުގައި އެންމެ ގިނަ މެޑަލްތައް ހޯދަމުން އަންނަނީ މަޑަގަސްކަރަ އާއި ރިޔޫނިއަންއެވެ.