ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުރުމުގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އިތުރުކޮށްދީފިއެވެ.

ޑޮކްޓަރުންގެ ލަފައާއެކު ބޭރުން ފަރުވާ ހޯއްދަވަން ސިންގަޕޫރަށް އަދީބު ވަޑައިގަތީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭގައެވެ.

ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުން އެ ގައުމަށް ވަޑައިގަތުމުގެ ހުއްދަ ފުރަތަމަ ދިނީ ދިހަ ދުވަހަށެވެ. ދިހަ ދުވަހުގެ މުއްދަތު ހަމަވިފަހުން އަނެއްކާވެސް އިތުރަށް ވަނީ ދުވަސްތަކެއް ދީފައެވެ. އަދި އެންމެ ފަހުން ދިން މުއްދަތު އިއްޔެ ހަމަވުމުން އަނެއްކާ ވެސް މުއްދަތު ވަނީ އިތުރުކޮށްފައެވެ.

އަދީބުގެ ބޭސްފަރުވާ އަށް މިފަހަރު މުއްދަތު އިތުރުކޮށްފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަދީބުގެ ޕާޓީ، އެމްޓީޑީން ބުނެފައިވާ ގޮތުގައި އަދީބު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ފުރާނައަށް ނުރައްކާވާ ފަދަ ނާރުގެ ބައްޔަކަށް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ދައުލަތާ އެކީގައި އަދީބު ވަނީ އިއުތިރާފް އެއްބަސްވުމެއް ހަދާފައެވެ. އަދި ސިއްހީ ހާލަތު ހުރި ގޮތުން އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.