މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އެތުލެޓިކްސްގެ 1600 މީޓަރު ދުވުމުގެ މިކްސް ޓީމް ރިލޭއިން ރާއްޖެއިން ލޯ މެޑަލް ހޯދައިފި އެވެ.

ތިން މިނެޓް 33.86 ސިކުންތުން ރޭސް ނިންމައި ލޯ މެޑަލް ހޯދި ރިލޭ ޓީމުގައި ހިމެނުނީ ރާއްޖޭގެ އެންމެ މަޝްހޫރު ދުވުންތެރިޔާ ހަސަން ސާއިދާއި ހުސައިން ރިޒާ (ކުޑަ ރިޒާ)، ޒިވާ މޫސާ ޝަފީއު އަދި އައިޝަތު ހިމްނާ ހަސަން އެވެ.

1800 މީޓަރުގެ މިކްސް ޓީމް އިވެންޓުން ރަންމެޑަލް ހޯދީ މަޑަގަސްކަރައެވެ. އެގައުމުން ރޭސް ނިންމީ 3 މިނެޓު 29.68 ސިކުންތުންނެވެ. ދެވަނަ އަށް ދިޔައީ ރިިޔޫނިއަންއެވެ. އެގައުމުން އިން ރޭސް ނިންމީ 3 މިނެޓު 30.33 ސިކުންތުންނެވެ.

މިއީ މިކްސް ރިލޭގެ ތާރިހުގައި ރާއްޖެއިން މިހާތަނަށް ހޯދި ފުރަތަމަ މެޑަލްކަން ފާހަގަ ކޮށްލެވެއެވެ.

ދެކުނު އޭޝިޔާގެ ރިލޭގައިވެސް ފާހަގަ ކޮށްލެވޭ ރާއްޖޭގެ ރިލޭ ޓީމުން ވަނީ މިފަހަރުގެ އައިއޯއައިޖީއަށް ތައްޔާރުވުމަށް އަވަަށްޓެރި އިންޑިޔާ އާއި އެތުލެޓިކްސްގައި މުޅި ދުނިޔޭގައިވެސް މަޝްހޫރު ޖެމައިކާގައި ތަމްރީންތައް ހަދާފައެވެ.