މ.ކޮޅުފުށި މަގުހެދުމުގެ މަޝްރޫއު މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

ކޮޅުފުށި މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް އާރުޑީސީ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ޖެނެރަލް މެނޭޖަރު ހަސަން ސައީދެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫއުގެ ދަށުން 2.8 ކިލޯމީޓަރު މަގުގައި ތާރުއެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުން އަދި މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އާރުޑީސީ އާ ހަވާލުކޮށްފައިވަނީ 93.7 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.